English Edition
Dhivehi Edition

އެވިޑް ކޮލެޖް ތިނަދޫ ކެމްޕަހުން މި އަހަރުގެ އޯ ލެވެލް ނިމުނު ދަރިވަރުންނަށް ޚާއްޞަކޮށްގެން “ސޮފްޓް ސްކިލްސް” ނަމުގައި ބޭއްވި ވޯރކްޝޮޕް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.

ހުވަދުއަތޮޅުގެ އެކި ރަށްރަށުން މިއަހަރުގައި އޯލެވެލް ނިމުނު ދަރިވަރުން ބައިވެރިވި މި ވޯރކްޝޮޕްގައި ދަރިވަރުންނަށް އިންޓަރވިއު ގްރޫމިންގ އަދި ކޮމިއުނިކޭޝަން ސްކިލްސް އާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ވަނަވަރު (ސީ.ވީ) ރަނގަޅު ފެންވަރެއްގައި ތައްޔާރުކުރާނެ ގޮތްވެސް މި ވޯރކްޝޮޕްގެ ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ. މި މަހުގެ 03 ވަނަ ދުވަހުން ފެށިގެން 07 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ވޯރކްޝޮޕް ގައި ޖުމްލަ 30 ދަރިވަރުން ބައިވެރިވެފައިވެއެވެ.

މީގެ އިތުރުން މި ވޯރކްޝޮޕް ނިމިގެން ދިޔައިރު އެވިޑް ކޮލެޖް ތިނަދޫ ކެމްޕަހުގައި ހުރި ފުރުޞަތުތަކާއި ބެހޭގޮތުންވެސް ވޯރކްޝޮޕްގެ ބައިވެރިންނަށް ކެރިއަރ ގައިޑެންސް ސެޝަނެއްގެ ގޮތުގައި މައުލޫމާތު ދީފައިވެއެވެ. އެގޮތުން އެވިޑް ކޮލެޖް ގެ ހުރިހާ ފެކަލްޓީތަކުގެ ޑީނުން ބައިވެރިވެ އެ ފެކަލްޓީތަކުން ހިންގާ ޕްރޮގްރާމްތަކާއި ބެހޭ މަޢުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

އެވިޑް ކޮލެޖްގެ ސެޕްޓެމްބަރ އިންޓޭކް އަށް ފުރުޞަތު ހުޅުވާލެވިފައިވާއިރު އެކަމާއި ގުޅޭ މަޢުލޫމާތުވެސް ވަނީ ބައިވެރިންނާއި ހިއްސާކޮށްފައިވެއެވެ. އަދި އެވިޑް ކޮލެޖްގައި މުޅިން އަލަށް ހުޅުވިގެންދިޔަ ފެކަލްޓީއެއް ކަމަށްވާ އެވިޑް ސްކޫލް އޮފް އޭވިއޭޝަން ފެކަލްޓީގެ ޑީން ވެސް ސެޝަންގައި ބައިވެރިވެވަޑައިގެން އޭވިއޭޝަން ދާއިރާގައި ހުރި ފުރުސަތުތަކާއި ބެހޭގޮތުން މަޢުލޫމާތު ދެއްވާފައިވެއެވެ.