English Edition
Dhivehi Edition

ހިތަދޫ ބޮޑުމަގުގައި ހުންނަ ފޭލި ފިހާރަ ކަންމަތީގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި އަންހެނަކާއި އޭނާގެ ކުޑަދަރިފުޅަށް އަނިޔާވުމުން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސާޅީސް އަހަރުގެ އަންހެނަކާއި އޭނާގެ ފިރިހެން ދަރިފުޅަށެވެ. އެކްސިޑެންޓްވީ އުމުރުން ތިން އަހަރުގެ ދަރިފުޅު ގޮވައިގެން އެ އަންހެންމީހާ ދަނިކޮށް އެހެން ސައިކަލެއްގައި ޖެހިގެންނެވެ. އެކްސިޑެންޓަށް ފަހު ވަގުތުން ކުޑަކުއްޖާވަނީ ހިތަދޫރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ކުއްޖާގެ މަންމަ ހޮސްޕިޓަލަށް ގެންދިޔައީ އެމްބިޔުލާންސްގައެވެ. ދެމައިންނަށްވެސް މިހާރު ގެންދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ހޮސްޕިޓަލުން ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދެމައިންގެވެސް ބޮލަށެވެ. “ކުޑަކުއްޖާގެ ބޮލުން ފަޅައިގެންގޮސްފައިވާ ތަން މިހާރުވަނީ ފަހައިފައި. އިރާދަ ކުރެއްވިއްޔާ އޭނާގެ ހާލު ރަނގަޅު. އަންހެންމީހާގެ ބޮލުން ފަޅައިގެންގޮސްފައިވާ ތަންވެސް ފަހަންޖެހޭ އެކަމަކު އަދި ނުފަހާ. ފަހާނީ އެކްސްރޭ ނަގައި ބެލުމަށްފަހު. އޭނާއަށް ލިބިފައިވާ ޒަޚަމުގެ ސަބަބުން ހާލަތުގެ ސީރިއަސްކަމާމެދުވެސް އެއްޗެއް ބުނަން އެނގޭނީ އިތުރަށް ބެލުމަށްފަހު،” ހޮސްޕިޓަލުގެ ސީނިއާކޮމިޔުނިޓީ އޮފިސަރ މުހައްމަދު ނަޖީބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހާދިސާއާ ހިނގިގޮތެއް އެ އަންހެންމީހާގެ ހަނދާނުގައި ނެތްކަމަށެވެ. އެކްސިޑެންޓާ ބެހޭ ގޮތުން އައްޑޫސިޓީ ކޮމާންޑަރ އިންސްޕެކްޓަރއޮފް ޕޮލިސް ޖަމްޝީދު އަލީ ވިދާޅުވީ އެކްސިޑެންޓު ހިންގާފައިވަނީ ދެ ސައިކަލް ޖެހިގެން ކަމަށެވެ. އެކްސިޑެންޓްގައި ޝާމިލްވާ އަނެއް ސައިކަލުގައިތިބި ދެފިރިހެނުންކުރެ މީހަކަށް މާބޮޑު އަނިޔާއެއްވެފައެއްނެތެވެ. ޖަމްޝީދު ވިދާޅުވީ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އަދި ސީދާ ދަންނަވަން ނޭނގޭ ކަމަށެވެ. އެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށް ޖަމްޝީދު ވިދާޅުވިއެވެ. އެކްސިޑެންޓް ހިނގިގޮތް ސީސީޓީވީ ފުޓޭޖު ބަލައިގެން ދެނެގަނެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.