English Edition
Dhivehi Edition

އާބާދީ ގައި 2000 ވުރެ މީހުން އުޅޭ ގދ.މަަޑަވެއްޔަކީ ފުޓްބޯޅައަށް ލޯބިކުރާ އެތައް ޒުވާނުންތަކެއް އުޅޭ ރަށެކެވެ. ފުޓްބޯޅަ ދަނޑަކާއި ފުޓްސަލް ދަނޑެއް މަޑަވެލީގައި އޮތަސް ފުޓްބޯޅައަށް ލޯބިކުރާ ކޮންމެ ޒުވާނެއްގެ މޫނުމަތިންވެސް ފެންނަނީ މާޔޫސް ކަމެވެ. ދަނޑުތައް ހަލާކުވެ ކުޅެވޭނެ ރަނގަޅު ދަނޑެއް ލިބޭނެ ކަމުގެ އުންމީދުގައި ތިބެ ދަނޑު އެޅޭނެ ކަމުގެ އުންމީދު ކުޑަވުމެވެ.

އެއްޗެއް ނެތުމަށް ވުރެ އޮތުން ރަނގަޅޭ ހީވެ މަޑަވެލީގައި ފުޓްސެލް ގަވައިދުގައިވާ މިން ހަމަނުވާ ޓާފް ދަނޑެއްގައި މަޑަވެލި ޒުވާނުން ފުޓްސެލް ކުޅެމުން ދިޔަތާ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. 2015 ވަނަ އަހަރު ރައީސް ޔާމިންގެ ވެރިކަމުގައި ފުރަތަމަ ފަހަރަށް މަޑަވެލީގައި ޓާރފް ދަނޑެއް އެޅުމަށް އެއިރު އިންތިހާބުވެފައިވާ ކައުންސިލް އިން އިއުލާން ކޮށް ޓާރފް ދަނޑު އަޅަން ނިންމައި ޓާރފް ދަނޑު އަޅައި ނިމުނީ 2017 ވަނަ އަހަރު އައު ކައުންސިލް އެއް އިންތިހާބުވެފައި ވަނިކޮށެވެ. 2021 އަށް އައި އިރު ޓާރފް ދަނޑުގައި ހައްލުކުރަން އެތައް މައްސަލައެއް ހުރުމާއި އެކު މަޑަވެލި ކައުންސިލުންވަނީ ޓާރފް ދަނޑުގައި ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އެތައް ފަހަރަކު ޔޫތު މިނިސްޓްރީގައި އެދިފައެވެ. ފުޓްސެލް ގަވައިދުގައިވާ މިން ހަމަވާ ފުޓްސަލް ދަނޑެއް އަޅައިދެވެން ނެތްނަމަ މިހާރު ހުރި ޓާރފް ދަނޑު މަރާމާތު ކޮށްދިނުމަށްވެސް ކައުންސިލުން އެތައް ފަހަރަކު އެދިފައިވާ ކަމަށް ވެއެވެ. އެގޮތުން ޓާރފް ދަނޑުގައި ފެންސެއް ޖަހައިދޭން އެދުނު ކަމަށް ވެއެވެ. ޔޫތު މިނިސްޓަރ މަޙްލޫފް އާއި ޑެޕިއުޓީ މިނިސްޓަރ ނާސިޙުގެ އެހީއާއި އެކު މިނިސްޓްރީ އިން ފެންސް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމުން މަޑަވެލީ ޒުވާނުންގެ އިސްނެގުމާއި ބުރަ މަސައްކަތާއި އެކު ފެންސްތައް ހަރުކުރެވިގެން ދިޔައެވެ. އަދި މަޑަވެލި ޓީމެއް ކަމަށްވާ ގަރާޖް ޓީމްގެ އިސްނެގުމަކާއި އެކު މަޑަވެލި ޒުވާނުން އުންމީދު ކުރިވަރަށް ވުރެ މަދުން ފެންސް ދާ ލިބުމުން އަމިއްލަ އަތުން ހަރަދުކޮށް ގެން ވަނީ އިތުރަށް ފެންސް ދާ ގަނެ ފުޓްސަލް ދަނޑުގައި ފެންސް ހަރުކޮށްފައެވެ. ޒުވާނުން ބުނަމުން ދިޔައީ އެކަމަކާއި ޝަކުވާ އެއް ނެތްކަމަށެވެ. ވަށައިން ފެންސް ހަރުކުރެވުނަސް މިވަނީ އެޅުނު މިން ހަމަނުވާ ފުޓްސަލް ދަނޑުގައި މިއަދު ކުޅެވޭ ވަރު ނުވެފައެވެ. ޓާރފްތައް އިންތިހާއަށް ހަލާކުވެ ކުޅެންދާ ކުޅުންތެރިންނަށް ބޮޑެތި އަނިޔާތައް ވާން ފެށުމުގެ ސަބަބުންނެވެ.

އެއް ގޮތް ނެތީއްޔާ އަނެއް ގޮތް ހޯދުން އެއީ އެކަމަކަށް ނިހާޔަތަށް އެދޭނެ ބަޔަކު އަމަލު ކުރާނެ ގޮތެކެވެ. ޓާރފް ދަނޑުގައި ހައްލު ނުކުރެވި ލަސްވެގެން ގޮސްފައިވާ މައްސަލަ ތަކާއި އެކު ކުޅުން ހުއްޓާލުން މަޑަވެލި ކުޅުންތެރިން އެދުނު ގޮތެއް ނޫނެވެ. އެހެން ކަމުން ފުޓްބޯޅަ ކުޅެން ދެން ޓީމްތައް ޖަމާވާން ފެށީ ޒަމާންވީ ފުޓްބޯޅަ ދަނޑަށެވެ. ނަމަވެސް މީވެސް ކުޅުންތެރިންނަށް ހިނިތުންވުން ގެނުވި ކަމަކަށް ނުވިއެވެ. އިހުގައި “ކޯރު” ގެ ނަމުގައި ނަން ދެވިފައިވާ ޗަސް ބިމެއްގައި ފުޓްބޯޅަ ދަނޑު ހުރުން ވީ ވިއްސާރަ މޫސުމެއް ނަޔަސް ވާރޭ ފޮދެއް ވެހިއްޖެނަމަ ކުޅުންތެރިން މާޔޫސް ކުރުވާ ކަމަކަށެވެ. ވާރޭ ފޮދެއް ވެހިލައިފިނަމަ ދަނޑުގައި ފެން ބޮޑުވެ ފެން ހިނދުން ހަފްތާ އަކަށް ދިގު ދެމިގެން ދެއެވެ. ހައްލަކަށް އޮތީ ޗަސް ބިންގަނޑަށްވުރެ އުސްކޮށް ވެލި އެޅުމެވެ.

މަޑަވެލި ފުޓްބޯޅަ ދަނޑު

މާޔޫސް ކަމާއި ޖަޒްބާތުގައި ވާހަކަތައް ހިއްސާ ކުރިޔަސް މަޑަވެލި ކުޅުންތެރިން ޤަބޫލުކުރާ އެއް ކަމެއް އޮވެއެވެ. މަޑަވެއްޔަށް ރަނގަޅު ދަނޑެއް އެޅޭނެ މަގު ފަހި ކޮށްދެއްވުމަށް މަޑަވެލި ދާއިރާ މެމްބަރު ހުސެއިން ފިރުޝާން ބޭނުންވާކަމެވެ. މަސައްކަތް ކުރައްވާ ކަމެވެ. ތެނަދޫ ޔޫރޯ ފޯރީގައި ކްލަބް ހައުސް މެދުވެރިކޮށް ނޫސްވެރިއަކު މިނިސްޓަރ މަޙްލޫފަށް ވަނީ މަޑަވެލީ ދަނޑުގެ މައްސަލަ ތަކާއި މެދު ސުވާލެއް ކުރައްވާފައެވެ. މިނިސްޓަރ ގެ ޖަވާބަކަށްވީ ސަސްޕެންްސަން ގައި ހުންނެވުމުގެ ސަބަބުން މަސައްކަތަށް ދަތި ކަމެއް ހުރި ކަމަށެވެ. ނަމަވެސް ސަސްޕެންޝަން އަށް ދިޔުމުގެ ކުރިން މަޑަވެލި ދަނޑަށް ހައްލެއް ހޯދުމަށް ބަޖެޓް ކުރެވިގެން ގޮސްފައިވާނެ ކަމަށެވެ.