English Edition
Dhivehi Edition

ރައީސް ނަޝީދަށް ތާއީދުކުރާ ބަޔަކު އަދިވެސް ރާއްޖޭގައި ތިބި ނަމަވެސް 2008 ވަނަ އަހަރު އެމަނިކުފާނަށް ރާއްޖޭގައި އޮތް ތާއީދު މިހާރު އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަަމަށް ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް މިހެން ވިދާޅުވީ މަޖިލީހުގެ ރައީސްއަށް އާންމުންނަށް ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދިޔަ “އާސްކް ސްޕީކާސް” ޕްރޮގްރާމްގައި، 2023 ވަަނަ އަހަރު އެމްޑީޕީގެ ފަރާތުން ރިޔާސީ ޓިކެޓުގައި ވާދަކުރައްވާނެކަމަށް ވިދާޅުވެ ނަޝީދު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.

މި ގޮތުން ޑރ. ޖަމީލު މިއަދު ވިދާޅުވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމެއް ދެން ރާއްޖެއަކުން ދުވަހަކު ވެސް ނުފެންނާނެ ކަމަށެވެ. ރައީސް ނަޝީދު އަކީ ވެރިކަންކުރުމުގެ ގާބިލުކަމެއް ނެތް ބޭފުޅެއްގެ ގޮތުގައި ދޭހަވާ ގޮތަށް ވާހަކަދައްކަމުން ޑރ.ޖަމީލް ވިދާޅުވީ ރައީސް ނަޝީދަށް ލިބުނު ފުރުސަތު ހަގީގަތުގައި ބޭނުންފުޅު ނުކުރެއްވިކަމަށެވެ. އަދި، އިސްތިއުފާ ދެއްވުމަށްފަހު ދުރަށް ވަޑައިގަތުމުން، އެކަމުން ރައްޔިތުންނަށް ގަބޫލުކުރެވިގެން ދިޔައީ ރައީސް ނަޝީދަކީ ވެރިކަން ކުރުމުގެ ކެޕޭސިޓީ ވެސް އަދި ގާބިލުކަންވެސް ލިބިފައި ހުރި ބޭފުޅެއްނޫންކަން ކަމުގައި ޑރ.ޖަމީލު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވެރިކަމުގައި ހުންނަވައިގެން އޭރު ކުރެއްވި ވަރަށް ގިނަ ކަންތައްތަކަކީ އޭގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބުނު ކަންތައްތަކެއްގެ ގޮތުގައި ފާހަގަކުރައްވަމުން ޑރ.ޖަމީލު ވިދާޅުވީ ޖީއެމްއާރު ބޭރު ބަޔަކަށް ވިއްކާލުން ފަދަ ކަންކަން ކުރުމުން ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް މިލިއަނެއް ދައްކަން ޖެހުނުކަމަށެވެ.

އިތުރަށް ޑރ.ޖަމީލު ވިދާޅުވީ ރައްޔިތުން ވަނީ ވެރިކަމުގެ ނިޒާމް ކަނޑައަޅާފައި ކަމަށާއި އެފަހަރު ރައްޔިތުން ރައީސް ނަޝީދަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ.