English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އާމިރްހާނާއި އޭނާގެ އަނބިމީހާ ކިރަން ރާއޯ ވަރިވާން ނިންމާފައިވާ ކަމަށް ބުނެފިއެވެ.

މިދެމީހުން ވަރިވާން ނިންމާފައިވަނީ ކައިވެންޏަށް 15 އަހަރު ފުރިފައި ވަނިކޮށެވެ.

މިހާރު އުމުރުން 56 އަހަރު ވެފައިވާ އާމިރުހާނާއި ކިރަން އެންމެ ފުރަތަމަ ދިމާވެފައިވަނީ 2001 ވަނައަހަރު ނިކުތް ފިލްމެއްކަމަށްވާ “ލަގާން” ގެ ސެޓުންނެވެ. އޭގެފަހުން 2005 ވަނަ އަހަރު ކައިވެނިކޮށް މިދެމީހުން އެކީގައި އުޅެމުން އައީ ވަރަށް ހަމަޖެހޭ ދިރިއުޅުމެއްގައެވެ. ވަރިވުމަށް ނިންމާފައި ވީނަމަވެސް މިހާތަނަށް އައީ ކައިވެނީގެ އެނިވާސަރީތައްވެސް ކުލަގަދަކޮށް ފާހަގަ ކުރަމުންނެވެ.

އާމިރު އާއި ކިރަން އަށް 2011 ވަނަ އަހަރުވަނީ ފިރިހެން ކުއްޖެއް ލިބިފައެވެ. މިދެތަރިންގެ ކައިވެނީގައި އެއްވެސް މައްސަލަ އެއް ޖެހިގެން އުޅޭކަން އެއްވެސް ބަޔަކަށް އެނގިފައި ނުވާ އިރު ކުއްލިއަކަށް ވަރިވާން އުޅޭކަން އިއުލާން ކުރުމުން ބޮލީވުޑްގެ ގިނަ ތަރިންވެސް ތިބީ ހައިރާންވެފައެވެ. އެގޮތުން އެކި އެކި ތަރިން ދަނީ މި ދެމީހުންގެ ވަރިޔާއި މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އާމިރު ބުނެފައިވަނީ ވަރި ވީނަމަވެސް ދެމީހުންގެ ދަރިފުޅަށްޓަކައި ކިރަންއާއި ރަހުމަތްތެރި ކަމުގެ ގުޅުން ބާއްވާނެކަމަށެވެ. ވަރިވާކަން އިއުލާން ކޮށްފައި ވީނަމަވެސް ދެމީހުންވެސް ވަރިވާ ސަބަބު މީޑިއާ އަށް ހާމަކޮށްފައި ނުވެއެވެ.

ކިރަން އާއި ކައިވެނި ކުރުމުގެ ކުރިން އާމިރުވަނީ 1986 ވަނަ އަހަރު ރީނާ އާއި ކައިވެނިކޮށްފައެވެ. މި ދެމީހުން ވަރިވެފައިވަނީ 2002 ވަނަ އަހަރު އެވެ. އާމިރުއާއި ރީނާ އަށް އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކު ލިބިފައިވެއެވެ. އެއީ އީރާ ހާން އާއި ޖުނައިދް ހާންއެވެ.