English Edition
Dhivehi Edition

ދިވެހި ރާއްޖޭގައި ހުންނަ ޗައިނާ އާއި އިންޑިއާ އެމްބަސީގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

ޗައިނާ އާއި އިންޑިއާ އެމްބަސީގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވަނީ، ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށާއި އަދި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު ދީފައިވާތީ އެވެ.

‘ރޯޔަލް ހަސަންތަކުރު’ ގެ ނަމުގައި ކާކުކަން ނޭނގޭ މީހެއްގެ އެކައުންޓަކުން ވަނީ، އިންޑިއާ ހައި ކޮމިޝަން ވަރަށް އަވަހަށް ގޮއްވައިލާނެ ކަމުގެ އިންޒާރު ޓުވިޓާގައި ދީފަ އެވެ. އެ ޓުވީޓު ކުރިތާ މާ ގިނައިރުތަކެއް ނުވަނީސް އެ މީހާގެ އެކައުޓް ޓުވިޓާ އިން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެެރުނު ބަޔާނެއްގައިވަނީ ޑިޕްލޮމެޓުންނާ ބެހޭގޮތުން ބައެއް މީޑިއާތަކުގައި ޝާއިއުކޮށްފައިވާ ލިޔުންތަކުގެ ސަބަބުން ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރާނެ ކަމަށާއި އަދި އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ދީފައިވާތީ އެތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ދެ މިޝަނުން އެދިފައިވާ ކަމަށެވެ.

އިތުރަށް ފޮރިން މިނިސްޓްރީން ބުނީ އަދި އެ އެދުމުގެ މަތިން، ރާއްޖޭގެ ސަލާމަތީ ބާރުތަކުން މިހާރު އެ ދެ އިމާރާތާ ގުޅޭ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ.