ކޮވިޑް19 އިން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންނަށް ލުއި ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށާއި ނަމަވެސް އެކަމާއި މެދު ގޮތެއް ނިންމިފައި ނުވާކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ކޮވިޑް ވެކްސިން ފުރިހަމަ ކުރި މީހުންނަށް ލުއި ދިނުމާއި ގުޅޭގޮތުން ރޭ ވެސް ޓެގް ޓީމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ. އެހެންނަމަވެސް އެކަމާއި މެދު ގޮތެއް ނިންމިފައިނުވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވީ، ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ލުއިތަކެއް ދިނުމުގައި ހުރަސްތަކެއް އެބަ ހުރި ކަމަށެވެ. އެއީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުންގެ ނިސްބަތް ކުޑަވުންކަން ފާހަގަކޮށް ނަސީމު ވިދާޅުވީ ލުއިތަކެއް ދެވޭނީ ރާއްޖޭގެ 70 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކުރުމުން ކަމަށެވެ.
ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން މާލެ ސަރަހައްދުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް ސަރުކާރުންވަނީ ނިންމާފައެވެ.