ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްގެ ކުރިއެރުމަށާއި ވިލުންތެރިކަމަށް ހުރަސްއަޅާ ކަންކަމުގެ ތެރޭގައި މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ހަމަހަމަކަމާއެކު ނުލިބުމާއި ދެމެހެއްޓެނިވި ނޫން ގޮތުގައި ނެގޭ ދަރަނި ހިމެނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ އދ. ގެ 81 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހާއްސަ މެސެޖުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދުނިޔެއަށް އަންނަ ބަދަލުތަކާ އެއްވަރަށް ކުދި ގައުމުތައް ކުރިއަށްދިއުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒުކުރުމުގައި ހަމަހަމަކަން ނެތުމާއި ސަރަހައްދީ ސިޔާސީ ނުތަނަވަސްކަން އިތުރުވުމުގެ ސަބަބުން އދ. އަށް އޮތް އިތުބާރު ގެއްލެމުންދާކަމަށާއި، މިފަދަ ބައިބައިވުންތަކުގެ ސަބަބުން ފަލަސްތީނު ފަދަ ގައުމުތަކުގެ އިންސާނިއްޔަތަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ މުސްތަގުބަލު އަމިއްލައަށް ކަނޑައެޅުމުގެ މިނިވަންކަމާއެކު ގައުމީ އަމާޒުތައް ހާސިލުކުރުމުގެ މަގު ފަހިވެފައި އޮތުމަކީ 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްގީވެފައިވާ ގައުމަކަށް ވުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ލިބޭނެ އިތުރު ބާރެއް ކަމަށެވެ. އެ އަމާޒަށް ވާސިލުވުމަށްޓަކައި ރައްޔިތުންގެ ކުރިއެރުމަށް އިންވެސްޓްކުރުމަށާއި، އިގުތިސާދު ވަރުގަދަކުރުމުގެ އިތުރުން، ބޭރުން ކުރިމަތިވާ ގޮންޖެހުންތަކާ ދެކޮޅަށް ވިލުންތެރިކަމާއެކު މަސައްކަތްކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އދ. އަކީ ހުރިހާ ދައުލަތްތަކެއްގެ ހައްގުތަކަށް އިހުތިރާމުކުރާ، ހުރިހާ ގައުމެއްގެ އަޑުއަހާ، އަދި އެއްވެސް ގައުމެއްގެ މުސްތަގުބަލު އެހެން ބައެއްގެ ނުފޫޒުން ކަނޑަނޭޅޭނެ ގޮތަކަށް އޮންނަ ޖަމާއަތަކަށް ވާންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އދ. ގެ އިތުބާރު ހާސިލުކުރެވޭނީ ގައުމުތަކުގެ މެދުގައި އޮންނަ އިތުބާރާއި އިންޓަނޭޝަނަލް ގާނޫނުތަކަށް ފުރިހަމައަށް އިހުތިރާމުކޮށް، އުސޫލުތަކާ އެއްގޮތަށް އަމަލުކޮށްގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސުލްހަ މަސަލަސްކަމަށް އިހުތިރާމުކުރުމަށާއި އަދުލުއިންސާފު ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ބާރުއަޅާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ކޮންމެ ގައުމަކަށްވެސް އަމިއްލަ މުސްތަގުބަލު ބައްޓަންކުރުމުގެ ފުރިހަމަ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން މަސައްކަތްކުރުމުގައި ރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.