ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންފި އެވެ. މި މަހުގެ 20 އިން 22 އަށް ކުރެއްވި މި ދަތުރުފުޅަކީ ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރު މުހައްމަދު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުނު ތާރީހީ މުނާސަބަތާ ގުޅިފައިވާ ދަތުރުފުޅެކެވެ. ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރު ޝެހްބާޒް ޝަރީފާ އެކު ރަސްމީ މަޝްވަރާތައް ބާއްވަވައި، އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީގެ އިތުރުން ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު މުހައްމަދު އިސްހާގު ދާރާއި، އަސްކަރިއްޔާގެ އިސް ވެރިންނާ ބައްދަލުކުރައްވާފަ އެވެ.
ދެ ގައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ ވާހަކަތަކުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް، ސިއްހަތު، ތައުލީމު، ޓޫރިޒަމް، ދަނޑުވެރިކަން އަދި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެއްބަސްވެވުނެވެ. އެގޮތުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ 20 ފަހުމުނާމާއަކާއި އެއްބަސްވުމެއް ބަދަލުކުރެވުނުއިރު، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެ ގައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވެސް ވަނީ އަމާޒު ހިފާފަ އެވެ.
މީގެ އިތުރުން އިސްލާމްއާބާދުގައި ބޭއްވި ބިޒްނަސް ފޯރަމްގައި ރައީސް ވަނީ ރާއްޖޭގައި އިންވެސްޓުކުރުމުގެ ފުރުސަތުތައް ހޯދުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ގޮވާލައްވާފަ އެވެ. އަދި ދަތުރުފަތުރުގެ ގުޅުން ވަރުގަދަކުރުމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން މާލެއާއި ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާކަން ވެސް އެމަނިކުފާނު އިއުލާންކުރެއްވި އެވެ.
ހަމަމިއާއެކު ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ފަށާފައިވާ މަޝްރޫއަށް އެހީވުމުގެ ގޮތުން 100،000 ޒައިތޫނި ގަހުގެ ކުރި އަދި އެކި ބާވަތްތަކުގެ 100،000 މުޑުވައް ހަދިޔާކުރުމަށް ޕާކިސްތާނުން ވަނީ ނިންމާފަ އެވެ. ސަރުކާރުގެ ވަޒީރުންނާއި އިސް ވެރިން ބައިވެރިވެވަޑައިގެންނެވި މި ދަތުރުފުޅު ނިންމަވާލެއްވީ، ދެ ގައުމުގެ ރައްޔިތުންނަށް އަމަލީ ގޮތުން ހެޔޮ މަންފާތަކެއް ހޯދައިދިނުމަށް ދެ ގައުމުން ވެސް އެއްބަސްވަމުންނެވެ.