English Edition
Dhivehi Edition

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅުން ހުރި އަށް މީހެއް ފުލުހުންގެ ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މީގެ ދެ ދުވަސްކުރިން ފުލުހުންގެ ފަރާތުން ލިބުނު މައުލޫމާތަށް ބަލާއިރު މި ހަމަލާ އާއި ގުޅުން ހުރި އަށް މީހެއް ފުލުހުންގެ ތަހުގީގަށް ފާހަގަ ކުރެވިފައިވާކަމަށެވެ. އަދި މި އަށް މީހުންގެ ތެރެއިން ހަތަރު މީހެއްގެ މައްސަލައިގެ ތަހުގީގު ނިންމައި ވަރަށް އަވަހަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވޭނެ ކަމަށް ފުލުހުންނާއި ހަވާލާދެއްވައި ރައީސް ވަނީ ވިދާޅުވެފައެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުން މިހާތަނަށް މައުލޫމާތު ހާމަކޮށްފައިވަނީ ބޮންގޮއްވުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދުގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން މި ހަމަލާއާއި ގުޅިގެން ބޮޑެތި ޒަޚަމްތަކެއް އެމަނިކުފާނަށް ލިބިވަޑައިގެންނެވިއިރު އެ މަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒާފުއް ވަދެ މުހިއްމު ގުނަވަންތައް ފޫއަޅުވާލާފައިވެއެވެ. އެތަކެތި ނެގުމަށް 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކޮށްފައިވާއިރު އޭޑީކޭގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ފުރާވަޑައިގެންނެވީ މެއި މަހުގެ 13 ވަނަ ދުވަހުއެވެ.