އައްޑޫ ސިޓީގައި އިމާރާތް ކޮށްފައިވާ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އިމާރާތް ކުރުމަށް ދައުލަތުން ހަރަދު ކުރި ފައިސާއިން ތިން މީހަކު ސްރީ ލަންކާއިން ގޯތި ގަތްކަމަށް އެނގިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނކު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ވިލިނގިލީގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވީ ޔާމީނުގެ ސަރުކާރުގެ ކޮރަޕްަނުގެ ވާހަކަ އެމްޑީޕީއިން ދައްކާއިރު އެމްޑީޕީގެ ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަ ދައްކަންޖެހޭ ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި ކޮންވެންޝަން ސެންޓަރު އިމާރާތް ކުރި ފަހުން އެ ސެންޓަރު އިމާރާތް ކުރުމަށް ދައުލަތުން ހަރަދު ކުރި ފައިސާއިން ތިން މީހަކު ލަންކާ އިން ގޯތި ގަތް ކަން އެނގިވަޑައިގަންނަވާ ކަމަށް ރީކޯ ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކުގެ ވާހަކަދައްކަމުން ރީކޯ ވިދާޅުވީ ކޮރަޕްޝަނުގެ ވާހަކަ އެމްޑީޕީން ދައްކަމުން ދާއިރު ދިވެހި ދައުލަތަށް މިއަދު ލިބެމުންދާ ފައިސާ އިންވެސްޓް ކުރަނީ މަގުތަކުގައި ތާރު އަޅަމަށާއި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ކަމަށެވެ.
2011 ވަނަ އަހަރު 17 ވަނަ ސާކްސަމިޓަށް އައްޑޫގައި އިމާރަތްކުރި އީސީސީ އިމާރާތް ކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެންނެވެ. އެ ކުންފުނިން ބިޑު ކުރި 210 މިލިއަން ރުފިޔާ ފަހުން 150 މިލިއަން ރުފިޔާ އަށް ކުޑަކުރިކަމަށް އޭރުގެ ސްޓޭޓު މިނިސްޓަރު އަކުރަމް ކަމާލުއްދީން ވަނީ ވިދާޅުވެފައެވެ.