English Edition
Dhivehi Edition

ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ މައުލޫމާތުތައް ޝާއިއު ކުރުމާ ގުޅޭ މައްސަލަތަކުގައި ޖެންޑާ މިނިސްޓްރީން މީޑިއާ އަށް ފިޔަވަޅު އެޅިދާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމް އޭނާގެ އަމިއްލަ ބްލޮގުގައި އާންމު ކުރެއްވި އޯޑިއޯއެއްގައި ވިދާޅުވެފައިވަނީ ކުރިން އެގޮތަށް [ކުއްޖާ އަކީ ކާކުކަން އެނގޭ ގޮތަށް] ނޫސްތަކުގައި ކުޑަކުދިންގެ މައުލޫމާތު ޝާއިއު ކުރެވެނީ، އޭރު އެކަމަށް ހާއްސަ ގާނޫނެއް ނޯންނާތީ ކަމަށެވެ. ނަމަވެސް، ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނަށް މިހާރު އަމަލު ކުރަމުންދާކަމަށެވެ.

ޝަމީމް މި މޭރުމުން ވާހަކަ ދައްކަވާފައިވަނީ އުމުރުން 13 އަހަރުގެ ކުއްޖަކު މިދިޔަ ހަފުތާގައި ރަހީނުކޮށް، މަރާލަފައި އޮއްވައި ފެނުނު މައްސަލައިގައި އެ މަރު ރިޕޯޓުކުރި އިރު ބައެއް މީޑިއާތަކުން އެ ކުއްޖާގެ ވަނަވަރާއި ދިމާވެފައިވާ އާއިލީ މައްސަލަތަކުގެ އިތުރުން ކުއްޖާގެ މަރުވެފައިވާ ހަށިގަނޑު ހުރި ގޮތުގެ ތަފްސީލުތައް ލިޔެފައިވާތީ އެކަމަށް އިޝާރާތް ކުރައްވާފައެވެ. މީޑިއާތަކުން އެއީ ކޮން ކުއްޖެއްކަން އެނގޭ ވަރަށް ވަނަވަރު ތިލަކުރިއިރު، އެ ކުއްޖާއާ މަސްތުވާތަކެއްޗާ ވެސް ބައެއް މީޑިއާތަކުން ގުޅުވައި ރިޕޯޓު ކޮށްފައި ވެއެވެ.

މި މައްސަލައާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ތިން މީޑިއާއަކަށް ނަސޭހަތްދީ އެއް މީޑީއާ ވަނީ ޖޫރިމަނާކޮށްފަ އެވެ.

ޝަމީމް ވިދާޅުވީ، ގާނޫނާ ހިލާފުވާ ކުޑަކުދިންގެ ޚަބަރު ޝާއިރު ކުރާއިރު، ކުއްޖާގެ މަސްލަހަތަށް އިސްކަންދީ ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރަން ވާނެ ކަމަށް ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 15 ވަނަ މާއްދާގައިވެސް އޮންނަ ކަމެވެ. އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެ ކުދިންގެ މައުލޫމާތު އާންމު ކުރުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން މަނާ ކަމެއް ކަމަށެވެ.