ކުޑަކުދިން ކުށްކުރުމުގެ މައްސަލައަށް އޮތް ހައްލަކީ މާހައުލު ބަދަލު ކުރުން ކަމަށާއި އުމުރު ދަށްކުރުމަކީ ހައްލެއް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.
ކުށްކުރާ ކުޑަކުދިން ހުއްޓުވުމުގެ ހައްލަކީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ނުވަތަ 10 އަހަރަށް ހަގު ކުރުމަށް ފަހު، އެ ކުދިންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ގޮތް ހެދުން ކަމަށް ސަރުކާރުގެ ބައެއް ބޭފުޅުން ގަބޫލުފުޅު ކުރައްވަވާ ކަމަށް ވިދާޅުވެ ޝަމީމް ވިދާޅުވީ ރާއްޖޭގައި ކުޑަކުދިން ކުށްތަކަށް އަރައިގަންނަ މައްސަލައަކީ ޖިނާއީ އަދުލުގެ ނިޒާމުގައި އަދި ހައްލެއް ހޯދާފައިނުވާ މައްސަލައެއް ކަމަށެވެ. އަދި އެކަން ހައްލު ކުރަން މައްސަލަތައް ތަހުގީގުކޮށް، ދައުވާކޮށް، ބަންދު ކުރުމުން އެކަނި ނުފުދޭ ކަމަށެވެ.
ޝަމީމް ވިދާޅުވީ ދިވެހިރާއްޖޭގައި ކުޑަކުދިން ކުށްކުރަނީ އެކުދިންގެ މާހައުލުން އެކަމަށް ހިތްވަރު ލިބޭތީ ކަމަށެވެ. އެހެންވެ، އެކަމަށް އޮތް ހައްލަކީ ކުށަށް ހުށަހެޅިފައިވާ ކުދިންގެ މާހައުލު ބަދަލު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
” ރާއްޖޭގައި ކުޑަކުދިން ކުށްކުރަނީ އެ ކުދިންގެ މާހައުލުން އެ ކަމަށް ހިތްވަރު ލިބޭތީ ކަމަށް ގަބޫލު ކުރެވޭ . ކުށަށް ހިތްވަރު ލިބޭ މާހައުލެއްގައި ނެތް ކުއްޖަކު ކުށެއް ކޮށްގެން، ޖިނާއީ އަދުލުގެ ނިޒާމުގެ ސަމާލުކަމަށް އައިސްފައި ނުވާތީ، ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށްޓަކައި ކުރަންވީ އެއް ކަމަކީ ކުށުގެ ނުރައްކަލަށް ހުށަހެޅިފައި ތިބި ކުދިންގެ މާހައުލު ބަދަލުކުރެވޭތޯ ބެލުން” ޕީޖީ ޝަމީމްގެ އަމިއްލަ ބްލޮގުގައި “ކުށްކުރާ ކުޑަކުދިން–ހައްލަކީ އުމުރު ދަށްކުރުމެއް ނޫން، މާހައުލު ބަދަލުކުރުން” މައުލޫއު އަށް ލިޔުއްވި ލިޔުމުގައި ވިދާޅުވެފައިވެއެވެ.
އެ ބަދަލާއެކު ކުދިންގެ ސުލޫކަށް ބަދަލުގެނައުމަށް ވަގުތު ބޭނުންވާނެކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ، އެކަން ހާސިލްކުރުމަށް ކެތްތެރިކަމާއި ސާބިތުކަން ބޭނުންވާ ކަމަށާއި އެކަމަށް ދައުލަތުގެ ވަސީލަތްތައް ވެސް ހޭދަކުރަން ޖެހޭ ކަމަށެވެ. އޭގެއިތުރުން، މާހައުލު ބަދަލު ކުރުމަށް ކުރާ އިންވެސްޓްމަންޓަކީ ކުށްކުރާ ކުއްޖަކު ޖަލުގައި ބަންދު ކުރުމަށް ހިނގާ ޚަރަދަށް ވުރެ ކުޑަ އަދި އޭގެ ނަތީޖާ މާ ރަނގަޅުވާނެ އިންވެސްޓްމަންޓެއް ކަމަށް ގަބޫލު ކުރައްވާކަން ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ ކުރިން ވެސް ޝަމީމް ވަނީ ކުށްކުރާ ކުޑަކުދިންނަށް ދޭންވީ އަދަބެއް ނޫން ކަމަށާއި އަދަބު ދީގެން ކުށްކުރާ ބަޔަކު އުފެއްދުމުގެ ބަދަލުގައި، ކުޑައިރު ކުރެވޭ ކުށްތަކުން ދުރުހެލިވުމަށް ވިސްނައިދީ، ރިހެބިލިޓޭޓް ކުރަންވީ ކަމަށް ވިދާޅުވެފައެވެ.