ގްރީސްގައި މާބަނޑު އަންހެނަކު ކިޑްނެޕްކޮށް ރޭޕްކުރި 3 ފިރިހެނަކު އެގައުމުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ، އުމުރުން 25 އަހަރުގެ އަންހެންމީހާ ބަނޑަށް 3 މަސްވެފައި ވަނިކޮށް ތިން ފިރިހެނަކު އޭނާ ގަދަކަމުން ކާރަކަށް އަރުވައިގެންގޮސް ރޭޕް ކޮށްފައިވާ ކަމުގެ މައުލޫމާތު ދިނީ އެއަންހެންމީހާ ކަމަށެވެ. ތަހުގީގަށް އަންހެން މީހާ ބުނީ އޭނާގެ ފޯނުގައި މައްސަލަ އެއްޖެހުމުން އެތަނުން އެކަކު ކައިރިން އެހީ އަށް އެދުމުން ގަދަކަމުން އޭނާ ގެންގޮސް ކާރަކަށް ލައިގެން އެޕާޓްމެންޓަކަށް ވެއްދުމަށްފަހު 3 ފިރިހެނަކު އޭނާ ރޭޕްކޮށްފައިވާ ކަމަށެވެ.
އެ އަންހެން މީހާ ރޭޕްކުރަމުން ދިޔަވަގުތު އޭނާގެ ހަޅޭކުގެ އަޑު އިވިގެން ޖެހިގެން ހުރިގޭގެ މީހަކުވަނީ އެއަޑަށް އެސަރަހައްދަށް ގޮސް ހަޅޭއްލަވައިފައެވެ. އެމީހާގެ ހަޅޭކުގެ އަޑަށް މި ތިންމީހުން އަންހެންމީހާ ދޫކޮށްފިލާފައިވާ ކަމަށް ރޭޕްގެ އަނިޔާލިބުނު އަންހެންމީހާ ފުލުހުންނަށް ކިޔައިދީފައި ވެއެވެ.
ގްރީސްގެ ފުލުހުންވަނީ އެ އަންހެންމީހާގެ ޑީއެންއޭ ނަގައި، އެތިންމީހުން ފިލައިގެން އުޅެނިކޮށް ހޯދުމަށްފަހު ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެ ތިން ފިރިހެނުންނަކީ އަފްޣާނިސްތާނަށް ނިސްބަތްވާ އުމުރުން 19 ،21 އަދި 27 އަހަރުގެ މީހުން ކަމަށެވެ.
ގްރީސްގަިއ މިދިޔަ މަހުވެސް ޕާކިސްތާނު ފިރިހެނަކު، ކުޑަ އަންހެން ކުދިން ތަކެއް ރޭޕްކުރުމުގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފައެވެ. އުމުރުން 34 އަހަރުގެ ޕާކިސްތާނަށް ނިސްބަތްވާ އެމީހާ ހައްޔަރު ކޮށްފައިވަނީ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ރޭޕްކޮށް އޭނާގެ ބޮލަށް ބޮޑެތި އަނިޔާދީފައި އެއްލާލާފައި އޮތްވާ ކުރި ތަހުގީގަކަށް ފަހުއެވެ.
ގްރީސްގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންގެ ފަރާތުން ބޮޑެތި ކުށްތައް ފެންނަމުން ދިޔަނަމަވެސް ގްރީސްއަކީ ބޮޑެތި ކުށްތައް މަދުގައުމެއް ކަމަށް ދުނިޔޭން ފާހަގަ ކުރެވޭ އެއްގައުމެވެ.