English Edition
Dhivehi Edition

އައްޑޫ ސިޓީން ކޮވިޑް 19 އަށް ފައްސިވި މީހުންގެ ތެރެއިން ބަލިން ރަނގަޅު ނުވާ 120 މީހަކު އެބަ ތިބި ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިވަގުތު އައްޑޫގައި 120 އެކްޓިވް ކޭސް އޮތް އިރު އޭގެ ތެރެއިން 116 މީހުން ނަކީ ހިތަދޫން ފައްސިވެ ބަލިން ރަނގަޅުނުވެ ތިބި މީހުންނެވެ. އަދި މަރަދޫ އިން 4 މީހަކު މިވަގުތު ތިބި އިރު އައްޑޫގެ އިތުރު އަވަށެއްގައި މިވަގުތު އިތުރު އެކްޓިވް ކޭސް އެއް ނެތެވެ.

އައްޑޫގެ އެކި އަވަށްތަކުން ޖުމުލަ 439 މީހުން މިހާތަނަށް ކޮވިޑަށް ފައްސިވެފައިވާއިރު އެތަނުން 317 މީހަކު ވަނީ ބަލިން ފަސޭހަ ވެފައެވެ.

އިއްޔެގެ 18:00 އާއި ހަމައަށް ފައްސި 6 ކޭސް ފެނިފައިވާ އިރު އެއީ ހިތަދޫން ފައްސިވި 4 މީހަކާއި މަރަދޫން ފައްސިވި އެކަކެވެ. މިއީ މުޅިން ވެސް ޑައިރެކްޓް ކޮންޓެކްސް ގެ ގޮތުގައި ބައްޔަށް ފައްސިވެފައިވާ މީހުންނެވެ.

އައްޑޫސިޓީގެ ހިތަދޫގައި ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން، ހިތަދޫގައި ކާފިއު ވަގުތު ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ވަނީ އިތުރުކޮށްފައެވެ. ކާފިއު ނޫން ގަޑިތަކުގައިވެސް ބޭރަށް ދެވެނީ ޚާއްޞަ ފާހަކާއި އެކީގައެވެ. އަދި އެ ސިޓީގެ ހުޅުދޫ އާއި މީދޫ ގައި އެއްވެސް އެކްޓިވް ކޭސް އެއް ނެތުމާއި ގުޅިގެން ވަނީ ރަށަށް އަރައި ފޭބުމުގެ ހުއްދަ ދީ އަޅާފައިވާ ހުރިހާ ފިޔަވަޅެއް ނަގާފައެވެ.