English Edition
Dhivehi Edition
މިދިޔަ މެއި މަހުން ފެށިގެން ފުވައްމުލައް ސިޓީގައި ކޮވިޑް 19 އަށް ގިނަ ބަޔަކު ފައްސިވިތާ 100 އަށް ވުރެ ގިނަ ދުވަސް ފަހުން ޕޮޒިޓިވް ކޭސްތަކުގެ އަދަދު 100 އަށް ވުރެ ދަށަށް ގޮސްފައިވާ ކަމުގައި ސިޓީގެ މޭޔަރ އިސްމާޢީލް ރަފީގް (އިއްސެ) ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ރޭ، އިއްސެ ވިދާޅުވެފައިވަނީ ކޮވިޑްގެ ބަލި އެ ސިޓީގައި ހަލުވި މިނެއްގައި ފެތުރުނުތާ 100 އަށް ވުރެ ގިނަ ދުވަހަށް ފަހު ފުވައްމުލަކުގެ އެކްޓިވް ކޭސް ތަކުގެ އަދަދު 100 އަށް ވުރެ ތިރިއަށް ގޮސްފައިވާ ކަމަށެވެ. އަދި މިހާރު އަޅާފައިވާ ގަވާއިދު ތަކާ އެއްގޮތަށް އަމަލުކޮށްފިނަމަ މި ކަމުން އަވަހަށް އަރަައިގަނެވިދާނެ ކަމަށެވެ. އަދި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގައި ފުވައްމުލަކުގެ ރައްޔިތުން ދެއްވަވާ އެއްބާރުލުމަށް އިއްސެ ވަނީ ޝުކުރު އަދާކުރައްވަވާފައެވެ.
ފުވައްމުލަކު ސިޓީން މިހާތަނަށް 746 މީހަކު ކޮވިޑަށް ފައްސި ވެފައިވާއިރު އޭގެ ތެރެއިން 654 މީހަކު ވަނީ މިހާރު ބަލިން ރަނގަޅުވެފައެވެ. އަދި މި ވަގުތު ބަލިން ރަނގަޅު ނުވާ 93 މީހަކު ތިބި އިރު ދުވާލެއްގެ މައްޗަށް ފައްސިވާ މިންވަރު ވެސް ވަނީ ދަށަށް ގޮސްފައެވެ .
ފުވައްމުލައް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އެ ސިޓީން އިއްޔެ ފައްސިވެފައިވަނީ އެންމެ 4 މީހެކެވެ. އެއީ ފުލޫކުނިކަށް ދެއްކި އެކަކާއި އަދި ކޮންޓެކްޓް ޓްރޭސިން އިން 3 މީހެކެވެ.
އެސިޓީގެ އަވަށްތަކުގެ ތެރެއިން މިވަގުތު އެންމެ ގިނަ އެކްޓިވް ކޭސް ތިބީ ފުނާޑުގައެވެ. އެ އަވަށުގައި 25 ބަލިމީހުން ތިބި އިރު އެންމެ މަދުން ތިބީ މާދަޑޮ އަވަށުގައެވެ. އެ އަވަށުގައި މި ވަގުތު ބަލިން ރަނގަޅުނުވެ ތިބީ އެންމެ 4 މީހުންނެވެ.
މެއި މަހުން ފެށިގެން ފުވައްމުލަކުގައި ކޮވިޑް ފެތުރުން އިތުރުވެ ގިނަ އަދަދެއްގެ މީހުން ބައްޔަށް ފައްސިވުމާއި ގުޅިގެން 22 މެއި އިން ފެށިގެން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. ނަމަވެސް ހާލަތު ރަނގަޅުވަމުން އަންނަން ފެށުމުން މި ހަފްތާ އިން ފެށިގެން ބައެއް ލުއިތައް ވަނީ ދީފައެވެ.