މާލެއިން ފުވައްމުލައް ސިޓީއަށް ދާ މީހުންގެ ކޮވިޑު ސާމްޕަލް ނަގަން ޚާއްސަ ގަޑިތަކެއް ފުވައްމުލަކު ހޮސްޕިޓަލުން ކަނޑައަޅައިފިއެވެ.
އެ ހޮސްޕިޓަލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިގޮތަށް ނިންމީ ދިވެހިރާއްޖޭގެ ކޮވިޑް-19 ގެ ކޭސްތައް އިތުރުވެ، މާލެ ސަރަހައްދުގެ ކޭސް ޕޮޒިޓިވިޓީ ރޭޓް %5 އަށް ވުރެ މަތިވުމުން ކަމަށެވެ. އަދި މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރައްވާ ފަރާތްތަކުން ކުރިޔަށް އޮތް 2 ދުވަހު ރަށަށް ދަތުރުކުރުމަށްފަހު ރަށުން ސާމްޕަލްނަގާ، ޓެސްޓްގެ ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ނިންމެވުމުން ކަމަށެވެ.
އެގޮތުން ހަވީރު 04.00 އިން ހަވީރު 6:00 އާ ދެމެދު ޚާއްސަ ކުރެވިފައިވަނީ މާލެއިން ފުވައްމުލަކަށް ދަތުރުކުރައްވާފައިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ސާމްޕަލް ނަގައިދެވޭ ގަޑިއެއްގެ ގޮތުގައި ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އެހެންކަމުން ޕީ.ސީ.އާރް ސާމްޕަލް ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކުން މިގަޑީގައި ފްލޫ ކްލިނިކަށް ވަޑައިގަތުމުން ސާމްޕަލް ނަގައިދެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
އެހެންނަމަވެސް ރަސްމީކޮށް ފްލޫ ކްލިނިކް ހުޅުވިފައިވާ ގަޑި ކަމަށްވާ ހެނދުނު 10:00 އިން ހަވީރު 4.00 އާ ދެމެދު ފްލޫ ކްލިނިކަށް ދިއުމުން ޕީސީއާރް ސާމްޕަލް ނަގައިދޭނެ ކަަމަށް ވެސް ފުވައްމުލަކު ހޮސްޕިޓަލުން ބުނެއެވެ.
އެ ހޮސްޕިޓަލުން ވަނީ ހުރިހާ ފަރާތްތަކުން ވެސް އެގަޑިތަކަށް ސަމާލުކަންދީ ޕީ.ސީ.އާރް ސާމްޕަލް ނަގަން އައުމަށް އިލްތިމާސް ކޮށްފައެވެ.