English Edition
Dhivehi Edition
ތިނަދޫގެ ބަނދަރުމަތީގައި ޒުވާނުންތަކެއް ހުއްޓިލައިގެން: ފޮޓޯ ޔާމީން ވަހީދު/ އޭއޯ ނިއުސް

ކޮވިޑް-19ގެ ވައިރަސް ހަލުވިކަމާއެކީ ފެތުރެމުން އަންނަ ގދ. ތިނަދޫ ފުލް ލޮކްޑައުންއަކަށް ނުދާނެކަމަށް ވިދާޅުވެ، މާލޭގައި މިދިޔަ އަހަރު އިއުލާނު ކުރި ފުރަބަންދަށް ވުރެ ވެސް ހަރުކަށި ފިޔަވަޅުތަކެއް ގދ. ތިނަދޫގައި އިއުލާން ކޮށްފިއެވެ.

ތިނަދޫގެ ކޮވިޑް ހާލަތު ގޯސްވުމާއި ގުޅިގެން ތިނަދޫ އިމަރޖެންސީ އޮޕަރޭޝަންސް ސެންޓްރ (އީ.އޯ.ސީ) ގެ ހުރިހާ މެންބަރުންނާއި ތިނަދޫގެ ކުދިބޮޑު އެންމެހާ ރައްޔިތުން ފުލް ލޮކްޑައުންއަކަށް ގޮވަމުން ދިޔައިރުވެސް ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީ ވަނީ ލޮކްޑައުން ކުރުމާއި ދެކޮޅު ހަދާފައެވެ. އަދި އީ.އޯ.ސީ މެންބަރުންގެ ނިންމުން އެޗް.ޕީ.އޭ އަށް ފޮނުވީ ކައުންސިލުން އެގޮތަށް އެކަން ކުރަން ބޭނުންނުވާކަމަށް ލިޔެފައެވެ. މިކަމާއި ގުޅިގެން ޑރ. އާޒިމް އަބްދުއް ޝުކޫރު ވަނީ އީ.އޯ.ސީ ގެ ބައްދަލުވުން ދޫކޮށް ވަޑައިގަންނަވާފައެވެ.

ގދ. ތިނަދޫގައި އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން ކާފިއު ނޫން ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ގެއިން ބޭރަށް ނުކުތުމުގައި ތިނަދޫ އީ.އޯ.ސީ އިން ކަނޑައަޅާ ގޮތެއްގެ މަތިން ހާއްސަ ހުއްދައަކާއި އެކުގައި ބޭރަށް ނުކުތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ވަނީ ހަމަޖައްސާފައެވެ. އެޗް.ޕީ.އޭ ގެ މި ނިންމުމާއި އެކު ތިނަދޫ ކައުންސިލުން ވަނީ އިތުރު ފިޔަވަޅުތަކެއް އެ ރަށުގައި އެޅުމަށް ނިންމާފައެވެ. ސައުދު ސޮއިކޮށް އާންމުކޮށްފައިވާ 10 ސަފުހާގެ މައްޗަށް އެކުލެވޭ އެ އިއުލާންގައި ލޮކްޑައުން ނުކޮށް ތިނަދޫގައި ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

އެވަރުންވެސް ބަލި ކޮންޓްރޯލް ނުކުރެވިގެން ކަމަށް ބުނެ މިއަދު ތިނަދޫ ކައުންސިލުން ނެރެފައިވާ އިއުލާނުގައި ލޮކްޑައުންއަކަށް ވުރެ ހަރުކަށި އެތައް ނިންމުމެއް އެބައޮތެވެ. ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަމަށްޓަކައި 14 ދުވަހުގެ މުއްދަތަކަށް ރަށުގެ ކާފިއު ވަގުތު 24 ގަޑިއިރަށް ބަދަލުކޮށްފައެވެ. އަދި ތިނަދޫގައި ބަލި ފެތުރުން ހިފެހެއްޓިފައި ނުވާތީ މާދަމައިން ފެށިގެން 07 ދުވަހުގެ މުއްދަތަކަށް ތިނަދޫގައި ޤާއިމުކޮށްފައިވާ ކާފިއު ވަގުތު ދެމިއޮންނާނެ ކަމާއި ފިޔަވަޅުތަކަށް އިސްލާހު ގެނެވުނުކަން އިޢުލާންކޮށްފައެވެ.

އެ އިސްލާހުތަކުގެ ތެރެއިން ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެއް ފިޔަވަޅަކީ ކޮންމެ ގެއަކަށް ދޫކޮށްފައިވާ ހައުސްހޯލްޑް ޕާރމިޓް އެއް ހަފްތާގެ މުއްދަތަށް ބާތިލުކުރުމެވެ. އަދި ކަސްރަތު ކުރުމަށް ކުރިން ދީފައިވާ ގަޑިތައް ހުއްޓާލުމަށް ވެސް ކައުންސިލުން ވަނީ އަންގާފައެވެ. މީގެއިތުރުން ކަނޑު މަސްވެރިކަން ކުރާ އުޅަނދުފަހަރުތައް މަހަށް ފުރުމަށްފަހު އެބުރި ރަށަށްއައި ނަމަވެސް ރަށަށް ފޭބުން މަނާކޮށް، އެ ނޫން މަސްވެރިކަން އެއް ހަފްތާގެ މުއްދަތަށް ހުއްޓާލުމަށް ކައުންސިލުގެ އިއުލާނުގައިވެއެވެ.

އަދި ސަރުކާރުން ހުއްދަ ދީފައިނުވާ އެންމެހާ މަސައްކަތްތައް އެއް ހަފްތާގެ މުއްދަތަށް ހުއްޓާލުމުގެ އިތުރުން އަމިއްލަ ކާރުތަކުގެ ދަތުރުތައް ހުއްޓާލުމާއި ފުލުހުންދޭ ޓައިމް ބައުންޑް ޕާރމިޓް ނެތް ފަރާތްތަކަށް ޓެކްސީގެ ހިދުމަތްދޭ ކާރުތަކުން ޙިދުމަތް ނުދިނުމާއި އެފަދަ ހުއްދަނެތި ޙިދުމަތް ދޭ ޓެކްސީތަކުގެ ހުއްދަ އެއް ހަފްތާގެ މުއްދަތަށް ހިފެހެއްޓޭނެ ކަމަށް ކައުންސިލުން ނެރެފައިވާ އިއުލާނުގައި ވެއެވެ.

ހަމައެހެންމެ ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނާއި ފިހާރަތަކުގެ ޙިދުމަތް ކަސްޓަމަރުން ވައްދައިގެން ނުދެވޭގޮތަށް ބަދަލުކޮށް، ފިހާރަތަކުން ހެނދުނު 08:00 އިން ރޭގަނޑު 21:00 އަށް އަދި ކެފޭ ރެސްޓޯރެންޓްތަކުން ހެނދުނު 08:00 އިން ރޭގަނޑު 21:00 އަށް ޑެލިވަރީގެ ޚިދުމަތް ދިނުމަށްވެސް ކައުންސިލުން ވަނީ ތިނަދޫ އީ.އޯ.ސީ ގެ މަޝްވަރާއާއެކު ނިންމާފައެވެ.

1 ކޮމެންޓް
ތުއްތޫ
ޖުލައި 4, 2021
ތިނަދޫގައި އުޅޭ އާއްމު ރައްޔިތުންނަށް އުދަގުލާއި ތުރާ ކުރުމަށް ތިނަދޫ ކައުސިލުން ލޮކުޑައުންނަކަށް ގޮސް 24ގަޑިއިރު ކަފިއު ޢިއުލާން ކޮއްގެންމިއުޅެނީ އެހެންމީހުންވެސް ކާފިއު އިޢުލާންކުރޭކިޔާފައި ބަތާހަރާމީ ކައުންސިލަރުން އަމާހަދާންކުރަށްްވެގެން ކޮއްގެންއުޅޭކަމެއް މީހުން މަގުމަތީގައި ބޭނުންގޮތަކަށް އެބުރެނީ ބަލާނޭ ބަޔަކު ދެކޭނޭ ބަޔަކުނެތް އާއްމުންނަށް ހުރިހާހިތްދަތިކަމެއް !!