English Edition
Dhivehi Edition

ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު ގިނަވެ ގދ. ތިނަދޫ މޮނިޓަރިންގ ހާލަތަށް ގެނެސްފިއެވެ.

އެރަށް މޮނިޓަރިންގ ހާލަތަށް ގެނެސްފައި ވަނީ އެރަށުން މިއަދު ރެކޯޑް އަދަދަކަށް ކޮވިޑް-19އަށް މީހުން ފައްސިވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މިއަދު އެކަނި ވެސް އެރަށުން 50 މީހުން ވަނީ ބައްޔަށް ފައްސިވެފައެވެ.

މިއީ މިހާތަނަށް އެއްދުވަސް ތެރޭ އެންމެ ގިނަ ބަޔަކު ތިނަދޫން ފައްސިވި ދުވަހެވެ. މީގެ ކުރިން އެއްދުވަސް ތެރޭ ތިނަދޫން އެންމެ ގިނަ ބަޔަކު ފައްސިވީ 2021 ވަނަ އަހަރުގެ ޖުލައި މަހުގެ 05 ވަނަ ދުވަހުއެވެ. އެދުވަހު އެރަށުން ޖުމްލަ 44 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ތިނަދޫން މިހާރު 1,313 މީހުން ވަނީ ކޮވިޑް-19އަށް ފައްސިވެފައެވެ. އެ ރަށުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 118 މީހުން އެބަތިއްބެވެ.

ގދ. އަތޮޅުގައި މީހުން ދިރިއުޅޭ 09 ރަށުގެ ތެރެއިން 05 ރަށެއްގައި މިވަގުތު ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުން އެބަތިއްބެވެ. އެގޮތުން ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި ގައްދޫގައި 41 މީހުން، މަޑަވެލީގައި 28 މީހުން، ފަރެސްމާތޮޑާގައި 13 މީހުން، ހޯނޑެއްދޫގައި 10 މީހުން، ރަތަފަންދޫގައި 07 މީހުން އަދި ފިޔޯރީގައި 02 މީހުން އެބަތިއްބެވެ.