English Edition
Dhivehi Edition

ފުވައްމުލައް ސިޓީ އިން އިއްޔެ ކޮވިޑަށް ޕޮޒިޓިވްވީ 8 މީހުން ކަމަށް ފުވައްމުލައް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.

އެސެންޓަރުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އިއްޔެ ހަވީރުގެ 5:00 އާއި ހަމައަށް 24 ގަޑި އިރުތެރޭގައި ޖުމްލަ 8 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ޕޮޒިޓިވްވި 6 ދިވެހިންނާއި 2 ބިދޭސީންނެވެ.

ފުވައްމުލައް ސިޓީއިން ޖުމްލަ 719 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު 605 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. މިހާރު ފުވައްމުލައް ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 115 އެވެ.

އެ ސިޓީގައި ހަލުވި ކަމާއިއެކު ކޮވިޑު 19 ފެތުރެމުންއައިސްފައިވާތީ 22 މެއި އިން ފެށިގެން ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ނަމަވެސް އިއްޔެ އިން ފެށިގެން ބައެއް ލުއިތައް ވަނީ ދީފައެވެ. އެގޮތުން ފިހާރަތައް ހުޅުވައިގެން ޚިދުމަތް ދިނުމުގެ ހުއްދަ, އިއްޔެއިން ފެށިގެން ދޭގޮތަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. ފިހާރަ ހުޅުވައިގެން ޚިދުމަތްދޭން ނިންމިއަސް, ހުއްދަ ލިބިގެން ނޫން ގޮތަކަށް ފިހާރަތައް ނުހުޅުވަމަށާއި, އާންމު ރައްޔިތުންގެ ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކަށް ސަމާލުކަންދީ އެއްބާރުލުން ދޭންވާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.