ފިހާރަތައް ހުޅުވައިގެން ޚިދުމަތް ދިނުމުގެ ހުއްދަ, މިއަދުން ފެށިގެން ދޭގޮތަށް ފުވައްމުލައް ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނި, ކޮވިޑު19އިގެ ފުވައްމުލަކުގެ ހާލަތު ހިއްސާކުރުމުގެ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލާއި, އީއޯސީއިންކޮންމެ ރެއަކު ބާއްވަމުން އަންނަ ޕްރެސްގެ ތެރެއިން ރޭ ބޭއްވި ޕްރެސްގައި ސިޓީ ކައުންސިލުގެ ފަރާތުން ވާހަކަ ދައްކަވަމުން, ސިޓީކައުންސިލުގެ މެމްބަރު, އަބުދުالله ނާސިރު އަހުމަދެވެ.
ނާސިރު ވިދާޅުވި ގޮތުގައި ފިހާރަތައް ހުޅުވައިގެން ޚިދުމަތްދޭން މިނިންމީ, މިސިޓީގެ ކޮވިޑް-19 ޓާސްކުފޯހާއި ސިޓީ ކައުންސިލުން ބައްދަލުކޮށް ކުރެވުނު މަޝްވަރާގެ ތެރެއިން އެބޭފުޅުންގެވެސް ލަފަޔާއި އެކީގައެވެ. ސިޓީކައުންސިލުގެ ވިސްނުމަކީ, މިހާރު އެޅިފައިހުރި ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި ރައްޔިތުންނަށް އުނގޫ ވަމުންދާތީ, މިހާލަތުގައި ލުޔެއް ދެވޭން އޮތީ ކޮން ގޮތަކުންތޯ ބަލައި ދެވެންއޮތް ލުޔެއް ދިނުމެވެ.
މިއަދުން ފެށިގެން ހުއްދަ ދޭން ނިންމާފައި މިވަނީ, ޚިދުމަތަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި, އީއޯސީން ދޫކުރާ ޚާއްސަ ފޯމެއް ފުރުމުންނެވެ. މިއަދު މެންދުރުފަހު 2:00 އިން ފެށިގެން މިހުއްދަ ދޫކުރުމުގެ ކަންކަން ކުރިއަށްދާނެއެވެ. ހުއްދަ ލިބިގެން ފިހާރަ ހުޅުވުމަށްފަހު, ކައުންސިލުން ދޫކުރި ހުއްދަ ފިހާރައިގެ ބޭރުގައި ފެންނަން ހުންނަންވާނެއެވެ.
ފިހާރަ ހުޅުވައިގެން ޚިދުމަތްދޭން ނިންމިއަސް, ހުއްދަ ލިބިގެން ނޫން ގޮތަކަށް ފިހާރަތައް ނުހުޅުވަމަށާއި, އާންމު ރައްޔިތުންގެ ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކަށް ސަމާލުކަންދީ އެއްބާރުލުން ދޭންވާނެއެވެ. މި ހާލަތުގައިވެސް ލުއިދޭން މިނިންމީ ރައްކާތެރިކަމުގެ ގޮތުން މިހާރު އެޅިފައިވާ ފިޔަވަޅުތަކަށް އާންމު ރައްޔިތުންނާއި, ވިޔަފާރިވެރިން އެއްބާރުލުންދޭނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރާތީ ކަމަށްވެސް ނާސިރު ވިދާޅުވިއެވެ.
ނާސިރު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި މި ހުއްދަ މިހެންދޭން ނިންމިއަސް, ފަރުވާކުޑަކުރެވި, ބަލި ފެތުރުން އިތުރުވެއްޖެނަމަ އަލުން އަނބުރާ އޮތް ހާލަތަށް ދާންޖެހިދާނެއެވެ. އެގޮތުން މިހާރަށްވުރެ ފިޔަވަޅުތައް ހަރުކަށި ކުރަންވެސް ޖެހިދާނެއެވެ.
ކޮވިޑު19އިގެ ފުވައްމުލައް ސިޓީގެ އިއްޔެ ޕޮސިޓިވު ކޭސްތަކުގެ އަދަދަކި 11އެވެ.