English Edition
Dhivehi Edition
ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލް

ޕްލާސްޓިކްގެ ތެރެއިންވެސް ހާއްސަކޮށް އެއްކަމު ޕްލާސްޓިކްގެ ސަބަބުން ވެއްޓަށާއި އިންސާނުންނަށް ލިބެމުންދާ ގެއްލުންތައް މަދުކުރުމުގެ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލުން ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.

އެކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުން އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކު ސިޓީ ކައުންސިލް ހިންގަމުން އަންނަ އިމާރާތްތަކާއި އެ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކަށް އެއްކަމު ޕްލާސްޓިކް ވެއްދުމަކީ މަނާކަމެކެވެ، މީގެ އިތުރުން ފުވައްމުލަކު ސިޓީ ކައުންސިލުން ހިންގާ ހަރަކާތްތަކުގައި އެއްކަމު ޕްލާސްޓިކް ބޭނުންކުރާ މިންވަރު އެ ތާރީހުން ފެށިގެން މަދުކުރުމަށްވެސް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ނިންމައިފައެވެ.

މި ނިންމުމުގައި ހިމެނޭ ފުވައްމުލަކު ސިޓީ ކައުންސިލުން ހިންގަމުން އަންނަ އިމާރާތްތަކުގެ ތެރޭގައި ހިމެނެނީ ފުވައްމުލަކު ޕަބްލިކް ލައިބްރަރީ އާއި ފުވައްމުލަކު ނޭޗަރ ޕާކެވެ. މިކަމާއި ގުޅިގެން ފުވައްމުލަކު ނޭޗަރ ޕާކުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން އެތަނަށް ވެއްދުން އެއްކަމު ޕްލާސްޓިކްގެ ތެރޭގައި ހިމެނެނީ ޕްލާސްޓިކް ކޮތަޅު، ޕްލާސްޓިކް އަދި ސްޓައިރޮފޯމް ތަށި ފަދަ ތަކެތީގެ އިތުރުން 5 ލީޓަރަށްވުރެ ކުދި ފެންފުޅި އަދި ޕްލާސްޓިކް ކަޓްލަރީ (ސަމުސާ، އޫ ފަދަ ތަކެތި) އެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލުންވަނީ ޤަވާއިދާ ޚިލާފަށް އެރަށުގެ މޫދަށާއި ހޭޅިފަށް، ޗަސްބިން ސަރަހައްދު އަދި ކުނި އަޅަން ހަމަޖެހިފައި ނުވާ ސަރަހައްދުތަކަށް ކުނި އަޅާ މީހުންގެ މައުލޫމާތު ވީޑިއޯ ނުވަަތަ ފޮޓޯއާއި އެކު އެކައުންސިލުގެ އެންވަޔަރަމެންޓް ސެކްޝަން ފޮނުއްވައިދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިފައެވެ. އެގޮތުން ވީޑިއޯ ނުވަތަ ފޮޓޯ ވައިބަރ މެދުވެރިކޮށް ހިއްސާ ކުރުމަށް އަދި ޝަކުވާ ހުށައެޅުމަށް ކަނޑައަޅައިފައިވާ ހޮޓްލައިން ނަންބަރަކީ 7590059 އެވެ.

މީގެ އިތުރުން މިއަހަރުގެ 5 ވަނަ ދުވަހު ފާހަގަކުރި ދުނިޔޭގެ ތިމާވެށީގެ ދުވަހު ވަނީ ޕްލާސްޓިކް އިނޮވޭޝަން ޗެލެންޖްގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމްގެ ފައިސާގެ އެހީލިބިގެން ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިއުމަށް 4 މަޝްރޫއެއް އިފްތިތާހްކޮށްފައެވެ