އައްޑޫ ސިޓީ، މަރަދޫގެ ގެއެއްގައި އަންހެނަކު ބަންދުކޮށްގެން ގެންގުޅޭ މައްސަލައެއް ފުލުހުން ޖެންޑާ މިނިސްޓްރީ އާއި ގުޅިގެން ބަލަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ އަންހެނަކު ބޭރަށް ނުދެވޭ ގޮތައް ގަދަމުން ގެއެއްގައި ގެންގުޅޭ ކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ޖެންޑާ މިނިސްޓްރީ އާއި ގުޅިގެން ބަލަމުން ގެންދާކަމަށެވެ.
މަރަދޫގެ ގެއެއްގައި ބަންދުކޮށްފައިވާކަމަށް ބުނާ އުމުރުން 27 އަހަރުގެ އަންހެން މީހާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެވާހަކަތައް މި ދައްކަނީ ވަރަށް ބިރުން ހުރެ ކަމަށެވެ. އިތުރަށް އޭނާ ބުނީ މައިންބަފައިންގެ ފަރާތުން ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ލިބެމުން އަންނަތާ އެތައް އަހަރެއް ވެފައިވާ ކަމަށެވެ. އަދި ރައްޓެހިންނާ އެކުވެސް ބޭރަށް ދާން ހުއްދަ ނުދޭ ކަމަށާއި، ބޭރަށް ދެވެނީ ހަމައެކަނި މަންމަ އާއެކު އާއިލާގެ އެހެން މީހުންނަށް ޒިޔާރަތްކުރުމަށްކަމަށްވެސް އެ އަންހެން މީހާ ވަނީ ބުނެފައެވެ.
އެ އަނިޔާތަކުން ސަލާމަތް ވާން ވެގެން 2016 ވަނަ އަހަރު ފިލައިގެން މާލެ ދިޔަކަމަށްވެސް އެ ޕޯސްޓުގައިވަނީ ބުނެފައެވެ. ” ފިލައިގެން މާލެ އައީ ކައިވެނި ކުރުމަށް.އެހެން ނަމަވެސް މާލެ ދިޔައީ ސީރިއާ އަށް ދާން ކަމަށް ބުނެ އާއިލާ އިން ފުލުހުންނަށް ރިޕޯޓު ކުރި. “އަހަރެން ނުގެންދަން ޕާސްޕޯޓެއް ވެސް. އަހްނަނާ ދެކޮޅަށް އެއްވެސް ކަހަލަ ހެއްކެއް ވެސް ނެތް” އެ ޕޯސްޓުގައި ބުނެފައިވެއެވެ.
އިތުރަށް އެ ޕޯސްޓުގައި ބުނެފައިވަނީ ފިލައިގެން ދިޔަ އިރު އުމުރުން 21 އަހަރު ކަމަށާއި، އެހެންނަމަވެސް ބައްޕަ އަކީ ނުފޫޒުގަދަ މީހަކަށް ވުމުން ފެމެލީ ކޯޓުގެ ލިޔުމަކާ އެކު އޭނާ އަނެއްކާ ވެސް ހަވާލުކުރީ އާއިލާއާއި ކަމަށެވެ. ބަންދުވެފައި އިންނަން ޖެހުމުން ނަފްސާނީ ގޮތުން އަސަރުކޮށްފައިވާކަން ފާހަގަކޮށް އެ އަންހެންމީހާ ބުނީ އެއް ފަހަރަކު ސިކުނޑީގެ ޑޮކްޓަރަކަށް ދެއްކި ކަމަށެވެ. އެހެންނަމަވެސް އެ ފަހަރު ވެސް އޭނާއަށް އެކަނި ޑޮކްޓަރާ ވާހަކަދައްކަން ފުރުސަތު ނުދިންކަމަށް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ.