އަންހެނަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެގެން ފަރުވާއަށް ހޮސްޕިޓަލަށް ދާން އެރި އެމްބިއުލާންސްގެ ޑްރައިވަރު އޭނާ ރޭޕް ކޮށްލައިފިއެވެ.
އިންޑިއާގެ ކެރެލާގައި ހިނގި މިޙާދިސާގައި އަންހެންމީހާ ރޭޕް ކުރި ޑްރައިވަރު ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
29 އަހަރުގެ ނައުފަލް ކިޔާ މިމީހާ އެ އަންހެންމީހާ އަރުވައިގެން ހޮސްޕިޓަލަށް ލައިދިނުމުގެ ބަދަލުގައި ދިޔައީ އަރުންމުލާ އެއަރޕޯޓާއި ކައިރީ އޮންނަ ހަނަފަސް ސަރަޙައްދަކަށެވެ. އެތަނަށް ގެންގޮސް އެތަނުގައި އެޢަމަލު ހިންގި ކަމަށް އޭނާވަނީ ޝަރީޢަތުގައި އެއްބަސްވެފައެވެ.
ފަހުން މިމީހާ ވަނީ ކޮވިޑް ކެއަރ ސެންޓަރަށް އަންހެން މީހާ ލައިދީފައެވެ.
ކެރެލާގެ ފުލުހުން ހާމަކުރިގޮތުގައި ރޭޕްގެ ޝިކާރައަކަށްވި އެ އަންހެން މީހާއަކީ ޕަންޑަލަމްގައި ހުރި އޭނާގެ ތިމާގެ ގެއެއްގައި ކަރަންޓީނުގައި ހުއްޓާ ކުރި ޓެސްޓުން ހޮނިހިރު ދުވަހު ކޮވިޑަށް ޕޮޒިޓިވް ވެގެން ހޮސްޕިޓަލަށް ދިޔަ މީހެކެވެ. ފުލުހުން ބުނީ ޑްރައިވަރަށް ކުރެވުނު ތުހުމަތު ޔަޤީން ކުރެވުނީ އަންހެންމީހާ ގެ ފޯނުން ކޮށްފައިވާ އޯޑިއޯ ރެކޯޑިންއަކުން ކަމަށެވެ. އެއޯޑިއޯގައި އޭނާ އެހިންގި ޢަމަލު އެހެންމީހެއްގާތު ބުނެގެން އެކަން ފަޅާ އަރައިފިނަމަ އޭނާގެ ވަޒީފާ ގެއްލި ދިރިއުޅުން ޚަރާބުވާނެކަމަށް ބުނެ އެވާހަކަ އެއްވެސް މީހެއް ގާތު ނުބުނަން އާދޭސް ކޮށްފައިވެއެވެ. އެމްބިއުލާންސްގައި ހެލްތު ވޯކަރަކު ނެތްކަން ވެސް ފުލުހުންވަނީ ފާހަގަ ކޮށްފައެވެ.
ހޮނިހިރު ދުވަހުގެ ރޭ ހިނގި މިޙާދިސާއަށް ފަހު ޖިންސީ ގޯނާއާއި ރޭޕްގެ މައްސަލާގައި ނައުފަލް ހައްޔަރުކުރީ އާދީއްތަ ދުވަހުއެވެ. ކެރެލާގެ ސިއްޙަތާބެހޭ ވަޒީރު ކޭކޭ ޝައިލަޖާ ވިދާޅުވީ އެޚަބަރު އޭނާ އެހީ ކުއްލި ޝޮކަކާ އެކުގައި ކަމަށާއި މުޖުރިމަށް ޙައްގު އަދަބު ލިބެން ޖެހޭނެ ކަމަށެވެ. އަދި މިހާރުން މިހާރަށް އެމުއައްސަސާގައި އޭނާއަށް ދުއްވުމުގެ ހުއްދަ އޮތް ކަނިވޫ108 އެމްބިއުލާންސް ސާވިސްގައި ދުއްވުމަށް ދީފައިވާ ހުއްދަ ބާތިލުކޮށް މަގާމުން އެކަހެރި ކުރުމަށް ވަނީ ނިންމާފައެވެ.