ގަނާ ކުރުން ނުވަތަ ބުލީ ކުރުމަކީ ދިވެހިންގެ ތެރޭގައިވެސް އޮންނަ ވަރަށް ނޭދެވޭ ސިފައެކެވެ. ބުލީ ކުރުން ތައާރަފް ވެގެން އަންނަނީ ސްކޫލު ދައުރުން ފެށިގެންގެންނެވެ. މިއީ ދިވެހި ކިޔަވާ ކުދިންގެ މެދުގައިވެސް ވަރަށް އާއްމު ކަމެކެވެ. ސްކޫލްތަކުން ކުރިފަޅައިގެން ހެދެމުން އައި ގަނާކުރުން މިވަނީ މަސައްކަތުގެ މާހައުލުގައިވެސް ފެތުރިފައެވެ. ވަޒީފާގެ މާހައުލުގައި އެކަކު އަނެކަކަށް ބުލީކުރުމަކީ ހިތާމަހުރި ތެދު ހަޤީގަތެކެވެ.
އޮފީސް މާހައުލުގައި ގަނާކުރުމުން އެވާހަކަ ނުދެކެވެނީ ކީއްވެގެންބާ! ހެވާއި ނުބައި ވިސްނޭ ދުނިޔެއަށް ލޯހުޅުވިފައި ތިބޭ މީހުން އެކަކު އަނެކަކަށް ގަނާ ކުރަނީ ކީއްވެބާ! މިއީ ޖަވާބު ހޯދަން އުދަނގޫ ސުވާލުތަކެކެވެ. ސަބަބަކީ ގަނާ ކުރާ މީހުން ގިނަފަހަރު ތިމާއަށް މިކުރެވެނީ ކިހާބޮޑު ކުށެއްކަން އަދި އޭގެން ނުކުމެދާނެ ނަތީޖާއަކަށް ނުވިސްނާތީއެވެ.
އޮފީސް މާހައުލުގައި އެކަކު އަނެކަކަށް ބުލީކޮށް ހެދުމަކީ ހަގީގަތުގައި އޭގެ ސަބަބުން މަސައްކަތަށް ވެސް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމެކެވެ. ހާއްސަކޮށް އެކުވެރި މާހައުލެއްގައި ރައްކާތެރިކަމާއެކު ވަޒީފާ އަދާކުރެވޭނެކަމުގެ އުއްމީދެއް ނޯވެއެވެ. އެބުލީގެ ޝިކާރައަކަށްވެ މުވައްޒަފުންގެ ހިތުގައި ނަފްރަތު އުފެދި މަސައްކަތަށް ފަރުވާ ކުޑަކުރެވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބައެއްފަހަރު އަމިއްލައަށް އެވަޒީފާ ދޫކުރަން މަޖުބޫރުވެގެންދެއެވެ. ނޫނީ ފަރުވާ ކުޑަވުމުން ވަޒީފާއިން ކަނޑާލައެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުގައި ގަނާގެ ޝިކާރައަކަށްވެ މީހާ ނަފްސާނީވެ އަމިއްލައަށް މަރުވެފައިވެސް އެބަހުއްޓެވެ.
ހިތާމަޔަކީ ރާއްޖޭގެ އޮފީސްތަކުގައިވެސް ބުލީ ކުރުމުގެ އާދަ ހަރުލެވި، އޭގެ ސަބަބުން ވަޒީފާ ގެއްލި ޒުވާނުން މަގުފުރެދިގެންދާތީއެވެ. އެކުގައި ވަޒީފާ އަދާކުރާ މީހުންގެ މަލާމާތާއި ފުރައްސާރަ ރާއްޖޭގެ އޮފީސްތަކުގައިވެސް އޮންނަކަން ފާހަގަ ކުރެވެއެވެ. އެންމެންގެ މެދުގައި އޮންނަން ޖެހޭ އެކުވެރިކަމަށްވެސް ވަރަށް ބޮޑަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.
އޮފީސް މާހައުލުގައި މަޖާކުރުމުގެ ތެރެއިން އަންނަ ކަންތައް ބުލީއަށް ބަދަލުވެ އާޚިރުގައި އޭގެ ހިތި ނަތީޖާ ފެނިގެންދެއެވެ. މުވައްޒަފުންގެ މެދުގައި މައްސަލަ ޖެހި އޮފީސްތެރޭ ގްރޫޕްތަކަށް މީހުން ބެހިގެންދެއެވެ. އެއް ގުރޫޕުން އަނެއް ގްރޫޕަށް މަލާމާތްކޮށް އެއްޗެހިކިޔާ ގާތް އެކުވެރިން ހަތުރުންނަށް ބަދަލުވެގެންދާތަން ފެނިގެން ދިޔުމަކީ ހިތާމަކުރަން ޖެހޭ ކަމެކެވެ.
އެހެން ޤައުމުތަކާ ޚިލާފަށް ދިވެހި ރާއްޖެއަކީ ރީތި ސަޤާފަތެއް އޮންނަ ރާއްޖެއިން ބޭރު މީހުންގެ މެދުގައި އެކުވެރި، ހިތްހެޔޮކަމުގެ ލާމަސީލު މިސާލު ޖެހޭ ފަދަ ބަޔެކެވެ. އެމީހުން ވަޒީފާ އަދާކުރަން ރާއްޖެ އަންނަން ބޭނުންވަނީވެސް ދިވެހިންނަކީ ހިތްހެޔޮ އެކުވެރި ބަޔެއް ކަމުގައި ދެކި އެމީހުންނާ އެކީ އެއްމާހައުލެއްގައި ވަޒީފާ އަދާކުރާށެވެ. އެހެންނަމަވެސް އެމީހުން ކުރިމަތިލާން ޖެހެނީ ދިވެހިންގެ ތެރޭގައި އޮންނަ ގަނާ ކުރުމުގެ ނޭދެވޭ ސިފައާއެވެ.
ބުލީކުރުމުގެ މިނުބައިސިފަ އަށަގަނެގެން އެކަން ނަފްސާނީ ކަމަކަށްވެ ބަލިމަޑުކަމަކަށް ނުވަނީސް މިކަންތައް ހުއްޓާލަންވެއްޖެއެވެ. މިއީ ދިވެހިންގެ ސަޤާފަތާއި އާދަކާދައިގެ ތެރެއިން ނައްތާލަން ޖެހޭ ގޯސް ސިފައެކެވެ. ދިވެހިންގެ ރީތި އާދަކާދަ ދިރުވާ ދިވެހިންނަކީ އެކުވެރި އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބުމަށް މަސައްކަތް ކުރަމާތޯއެވެ.