English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮޓޯ: ރައީސް އޮފީސް

ކުޑަކުދިންނަށް ދިމާވާ ބުލީކުރުމުގެ މައްސަލަ އަކީ މުދައްރިސުންނާއި ބެލެނިވެރިން އަދި ކަމާގުޅޭ ހުރިހާ ފަރާތްތަކަކުން ޚާއްޞަ ސަމާލުކަމެއްދޭންޖެހޭ މައްސަލައެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން މިއަހަރުގެ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އއ. އަތޮޅުގައި ބޭއްވި ސިލްސިލާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ހަވީރުގައި ސާޖިދާ ވަނީ ކުޑަކުދިންނަށް ކުރިމަތިވާ އެކި މައްސަލަތަކުގެ ތެރެއިން ބުލީކުރުމުގެ މައްސަލައަށް އަލިއަޅުވާލައްވާފައެވެ.

މި ގޮތުން ސާޖިދާ ވަނީ ކުދިން ބުލީގެ ޝިކާރައަކަށް ވުމުން ދުރުހެލިކޮށް ކުދިންނަށް ހިމާޔަތްކަންދިނުމުގައި ކުދިންގެ ޒިންމާ ނަންގަވާ ފަރާތްތަކުން ކުދިންނާއި ގާތްގުޅުމެއް ބަހައްޓަވައިގެން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ސާޖިދާ ވަނީ ކުދިންގެ ދުވަސް ފާހަގަކުރުމަށް ކުރިޔަށްގެންދިޔަ ހަރަކާތްތައް ފަދަ ހަރަކާތްތައް ކުޑަކުދިންނަށް އަމާޒުކޮށް ގިނަގިނައިން ކުރިއަށްގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ކުޑަކުދިންގެ ހަވީރު ހުޅުވުމުގެ ރަސްމިއްޔާތުގައި، ފަލަސްތީނުގައި ކުޑަކުދިންނަށް ދިމާވެފައިވާ ދަތި އުނދަގޫތަކާއި އަނިޔާތަކާއި ގުޅިގެން އެކަމުގެ ހިތާމައިގައި 1 މިނެޓްގެ ސުކޫތެއް ގެނެސްފައިވެއެވެ. ކުޑަކުދިންގެ ހަވީރުގައި އުކުޅަހުގެ ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވާއިރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ސްޓޯލްތައް ބައްލަވައިލައްވާފައެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރ 20 ވަނަ ދުވަހެވެ. ދިވެހި ފުލުހުންގެ ޚިދުމަތާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން މިއަހަރުގެ މި ދުވަސް ފާހަގަކުރުމަށް އުކުޅަހުގަޔާއި އއ. އަތޮޅުގައި މި މަހުގެ 12އިން 21 އަށް ސިލްސިލާ ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ. އެ ހަރަކާތްތަކުގެ ތެރޭގައި ޗިލްޑްރަންސް އާޓް އެގްޒިބިޝަން، ޗައިލްޑް ސޭފް ޓުއަރިޒަމް، ރަށުތެރެ ސާފުކުރުން، ފަންރަން އަދި މޫދުކުޅިވަރު ހަރަކާތްތައް ހިމެނެއެވެ.