English Edition
Dhivehi Edition
ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ހަދާފައިވާ ޕޯސްޓަރެއް - ފޮޓޯ: 123އާރްއެފް

އއ.ރަސްދޫ މިސްކިތެއްގެ ފާހަނާތެރެއަށް ކުޑަ ފިރިހެން ކުއްޖަކު ވައްދާ ‘ބުލީކޮށް’ އަނިޔާކުރި ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކީ މީގެ ކުރިން ވެސް އެފަދަ މައްސަލަތަކުގެ ރިކޯޑު އޮންނަ ކުއްޖެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ ކުއްޖާ އިސްލާހުކުރަން، މީގެ ދެ އަހަރު ކުރިން އެ މައުލޫމާތު ދޭން ޖެހޭ އިދާރާތަކަށް ކުއްޖާ އާއި ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާނެކަމަށެވެ. މިހާރު ފެންމަތިވެގެން އުޅޭ ބުލީ ކޭސްގައި ހިމެނޭ އެއް ކުއްޖަކީ 2022 ވަނަ އަހަރުން ފެށިގެން އޭގެ އެކި މައްސަލަތަކުގައި ހިމެނޭ ކުއްޖެއްކަން ފާހަގަކޮށް ފުލުހުން ބުނީ އެކަން ޖެންޑާ މިނިސްޓްރީއާ ޑިޕާޓްމެންޓް އޮފް ޖުވެނަލް ޖަސްޓިސް (ޑީޖޭޖޭ)ގެ ސާމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވޯޑިއޯ ދައުރުވާން ފެށުމާއެކު ފުލުހުން ވަނީ މި މައްސަލަ ބަލަން ފަށާފައެވެ. މި ގޮތުން ފުލުހުން މީޑިއާއަށް ހިއްސާކުރި މައުލޫމާތުގައި ބުނީ ގަނާ ކުރުމުގައި ބައިވެރިވީ 13 އަހަރުގެ ކުއްޖަކާ 14 އަހަރުގެ ކުއްޖެއްކަމަށެވެ. މި މައްސަލަ ފެންމަތިވުމާއެކު ކަމާއި ގުޅޭ އިދާރާތަކުން މައްސަލަ ބަލަމުން އަންނައިރު ސަރުކާރުން ވަނީ ކުޑަކުދިންގެ އަދުލާ ބެހޭ ގާނޫނުގައި ޖިނާއީ ކުށަށް ޒިންމާ އުފުލަން ޖެހޭ އުމުރު ފުރާ 12 އަހަރަށް ބަދަލުކުރަންޖެހޭ ކަމަށް ބުނެފައެވެ.

މި މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން ކުޑަކުދިންގެ އަދުލާ ބެހޭ ގާނޫނުގައި ޖިނާއީ ކުށަށް ޒިންމާ އުފުލަން ޖެހޭ އުމުރު ފުރާ މިހާރު އޮތްގޮތަށް އޮތުމަކީ ރާއްޖޭގެ މާހައުލުގައި ޖިނާއީ ކުށްތަކަށް އަރައިގަންނަ މިންވަރަށް ބަލާއިރު އެންމެ އެކަށީގެންވާ ގޮތް ނޫންކަމަށެވެ.