ސްކޫލްތަކުގައި ބުލީކުރުމަކީ ކުށެއްކަމަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލްއުސްތާޛު ހަސަން ލަތީފް މިއަދު ގޮވާލައިފި އެވެ.
ހަސަން ލަތީފް މިގޮތަށް ގޮވާލާފައި ވަނީ މިއަދުގެ މަޖިލިސް ޖަލްސާގައި ސަރުކާރުގެ ފަރާތުން ހުށައެޅުއްވި ތައުލީމުގެ ބިލުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ހަސަން ލަތީފް ވިދާޅުވީ ބުލީ ކުރުމަކީ ރާއްޖޭގެ ސްކޫލްތަކުގައި ޒަމާނުއްސުރެ ހިނގަމުން އަންނަ ކަމެއް ކަމަށެވެ. އެކަމަކީ މާ ބޮޑު ކަމެއް ކަމަށް ދެކިގެން އެކަން ހުއްޓުވުމަށް މަސައްކަތެއް ކޮށްފައި ނުވާކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ބުލީ ކުރުމުގެ ނަތީޖާ މިހާރުވެސް ފެންނަމުންދާކަމަށް ހަސަން ލަތީފް ވިދާޅުވިއިރު އޭނާ ވިދާޅުވީ ސްކޫލް ދައުރުގައި ބުލީ ކުރެވިފައި ތިބި ފަރާތްތައް ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި އެބަތިބި ކަމަށެވެ. އެފަދަ ފަރާތްތަކުގެ ކިބައިން ބުލީ ކުރެވިފައި ތިބި ކަމުގެ އަސަރު ފެންނަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.
ބުލީ ކުރެވިފައި ތިބި ފަރާތްތަކުގެ ފަރާތުން ފެންނަ ކަންތައްތަކުގެ ތެރޭގައި އެފަދަ ފަރާތްތަކުން މީހުންނާއި ޒާތީވުން ހިމެނޭކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.