ރާއްޖޭގައި މަސައްކަތް ކުރާ ގިނަ މަދަނީ ޖަމިއްޔާތަކެއް ގުޅިގެން އުފައްދާފައިވާ “މޯލްޑިވްސް ސީ.އެސް.އޯ ނެޓްވަރކް” އިން ސިވިލްސޮސައިޓީ އޯގަނައިޒޭޝަން ނެޓްވާރކިން ފޯރަމް 2024 ނަމުގައި އެއް ދުވަހުގެ ފޯރަމެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
2 ނޮވެމްބަރު (ހޮނިހިރު) ދުވަހު ހުޅުމާލެ ސިންތެޓިކް ޓްރެކް ގައި ކުރިއަށް ގެންދާ އެއް ދުވަހުގެ ސިވިލް ސޮސައިޓީ ފޯރަމަކީ ރާއްޖޭގައި މަސައްކަތް ކުރާ މަދަނީ ޖަމިއްޔާތައް ބާރުވެރި ކުރުވުމާއި އެންމެން ގުޅިގެން ޖަމިއްޔާތަކުގެ މަސައްކަތްކުރެވޭނެ ފަދަ ޕްލެޓްފޯމެއް ގާއިމުކޮށްދިނުމާއި، ނެޓްވޯކިންގެ މުހިއްމު ކަމާއި ފައިދާ ތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވި ނެޓްވޯކިންގއަށް އަހުލުވެރިވުމަށް މަގުފަހިކޮށްދިނުމާއެކު ޖަމިއްޔާތަކުން ކުރާ ތަފާތު އެކިކަހަލަ މަސައްކަތް ތަކުގެ މަޢުލޫމާތު ޙިއްސާކުރުމާއި، ދުޅަހެޔޮ މުޖުތަމަޢެއް ޤާއިމުކުރުމަށް ޖަމިއްޔާ ތައް އެކީގައި މަސައްކަތް ކުރުމަށް މަގުފަހިކޮށްދިނުމުގެ މަޤުޞަދުގައި ކުރިއަށް ގެންދެވޭ ފޯރަމެކެވެ.
މީގެ އިތުރުން ޕޮލިސީ ފެންވަރުގެ އިސްލާޙުތަކަށް މަސައްކަތް ކުރުމާއި ކެޕޭސިޓީ ބިލްޑިންގ އިތުރު ކުރުމަކީ މި ފޯރަމްގެ ލަނޑުދަޑިތަކުގެ ތެރޭގައި ހިމެނޭކަންތައްތަކެވެ.
ދިވެހިރާއްޖޭގައި މަސައްކަތް ކުރާ 18 މަދަނީ ޖަމިއްޔާއަކުން ގުޅިގެން ފޯރަމް ކުރިއަށްގެންދާއިރު ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ މަދަނީ ޖަމިއްޔާ އަކަށް ވަނީ ފޯރަމުގައި ބައިވެރިވުމަށް އާންމުކޮށް ހުޅުވާލާފައެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސައްކަތް ކުރައްވަވާ ގިނަ ޖަމިއްޔާތަކަށް ފޯރަމްގައި ބައިވެރިވުމަށް ފުރުސަތު ދިނުމުގެ ގޮތުން ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހައިބްރިޑްކޮށެވެ.
ސިވިލް ސޮސައިޓީ ފޯރަމްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތެެރޭގައި ޖަމިއްޔާތަކުން ގުޅިގެން މަސައްކަތް ކުރުމުގައި ކުރެވިފައިވާ ކާމިޔާބު މަސައްކަތް ހިއްސާކުރުމާއި ޖަމިއްޔާތަކުން މަސައްކަތް ކުރާ ތަފާތު ދާއިރާތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި މަލްޓި ސްޓޭކްހޯލްޑާރސް ކޮލަބްރޭޓް ވުމުގެ މުހިއްމު ކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ފޯރަމް ކުރިއަށް ގެންދިއުމުގައި އިވެންޓް ހަމަޖައްސަވައި ދެއްވަވާފައިވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރިކްރިއޭޝަނުން ނެވެ.
މޯލްޑިވްސް ސީ.އެސް.އޯ ނެޓްވަރކް ގައި ރާއްޖޭގައި މަސައްކަތް ކުރައްވަވާ ގިނަ މަދަނީ ޖަމިއްޔާތަކުން ބައިވެރިވެފައިވާއިރު މި ނެޓްވޯކުން ވަނީ ކުރިއަށް އޮތް ތަނުގައި ވެސް ޖަމިއްޔާތައް ގުޅިގެން މުޖުތަމަޢަށް ފައިދާ ހުރި ތަފާތު އެކިކަހަލަ ޕްރޮގްރާމު ތައް ރާވައި ހިންގުމަށް ނިންމާފައެވެ.