ސަދަން ކޮމިއުނިޓީ އެމްޕަވަރމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް، (ސްކީމް) އިން މިރޯދަމަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމް ‘ފަހިމަގު’ގެ 2 ވަނަ ސެޝަންއެއް ރޭ ބާއްވައިފައިވާއިރު ރޭގެ ސެޝަން ހާއްސަކޮށްފައިވަނީ ރޯދަމަހުގައި ކުރެވިދާނެ ކަސްރަތުތަކާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކެއުންބުއިން ބަހައްޓަންޖެހޭ ގޮތަށެވެ.
ހުޅުމާލޭގައި ހުންނަ “ލެގަސީ ފިޓްނަސް”ގެ ސީނިއަރ ޓްރެއިނަރ އަދި މާކެޓިންގ ޕާޓްނަރ ރިފާޝް ރިޔާޒް ނަންގަވައި ދެއްވި މި ސެޝަންގައި ވަނީ އެހެން މަސްތަކާއި ޚިލާފަށް ރޯދަމަހުގައި ކަސްރަތުކުރަމުން ހަށިގަނޑަށް އެކަމުގެ އެދެވޭ އަސަރު ކުރާ މިންވަރު ބޮޑުކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ރޯދަމަހުގައި ކަސްރަތު ކުރުމާއި ގުޅުވާ ގިނަ ބައެއްގެ މެދުގައި ހުންނަ ކަންބޮޑުވުންތައް ކަމުގައިވާ ވަރުބަލިވުމާއި, ކަރުހިއްކުން އަދި ކެއުންބުއިން ބައްޓަން ކުރަންވީ ގޮތާއި ބެހޭގޮތުންވެސް އަލިއަޅުއްވާލައްވާފައެވެ.
ރޭގެ ސެޝަންގައި ރިފާޝް އަލިއަޅުވާލި އިތުރު ކަންތައްތަކުގެ ތެރޭގައި ރޯދަ މަހުގައި ކަސްރަތު ކުރުމަށް އެންމެ ރަނގަޅު ވަގުތު ތަކާއި, ރޯދަމަސް ފަދަ ކެއުންބުއިމުގައި ބޭނުންކުރާ ތަކެއްޗަށް ބޮޑެތި ބަދަލުތަކެއް އަންނަ މަހެއްގައި ހަށިގަނޑަށް ބޭނުންވާ ހުރިހާ މާއްދާއެއް ހިމެނޭފަދަ ކާބޯތަކެތީގައި ހިމެނުމުގެ މުހިންމުކަމާއި ބެހޭގޮތުންވެސް ވަނީ މައުލޫމާތު ދެއްވާފައެެވެ.
މީގެއިތުރުން ރޯދަމަހުގައި ކުރެވިދާނެ ބައެއް ކަސްރަތުތަކާއި ގުޅުންހުރި މައުލޫމާތުވެސް މިރޭގެ ސެޝަންގައި ރިފާޝްވަނީ ސެޝަންގައި ބައިވެރިވި ފަރާތްތަކަށް ދެއްވާފައެވެ. އަދި ރޯދަމަހުގައި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބުއިމުގެ މުހިންމުކަމާއި, ދިޔާތަކެތީގެ އިތުރުން ހަށިގަނޑަށް ފެން ލިއްބައިދޭ އިތުރު ބައެއް ކާއެއްޗެހީގެ މައުލޫމާތުވެސް މިރޭގެ ސެޝަންގައި ވަނީ ފޯރުކޮށްދީފައެވެ.
“ރޭގެ ސެޝަންއިން އަސްލު އެނގިއްޖެ ރޯދަމަހު ސަރުބީ ވިރުވާލާ ހަށިގަނޑަށް ބޭނުންވާ ބަދަލު ގެންނަން މާފަސޭހަކަން, އަދި ކެއުންބުއިމާއި ކަސްރަތުކުރުމާއި އެއްވަރަށް އަރާމުކުރުމުގެ މުހިންމުކަންވެސް ހާމަވެއްޖެ,” ސެޝަންގެ ބައިވެރިއަކު ކިޔައިދިނެވެ.
ފަހިމަގު ޕްރޮގްރާމުގެ ކުރިއަށް ހުރި ސެޝަންތަކުގެ ތަފްސީލު ތިރީގައި މިވަނީއެވެ.
ފަހިމަގު ޕްރޮގްރާމަކީ 4 ދާއިރާއަކުން މައުލޫމާތު ލިއްބައިދޭގޮތަށް މިރޯދަމަހުގެ ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭގަނޑު 21:30 ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. ސްކީމުން އެރެއަކު ގެންގުޅޭ ދާއިރާއެއްގެ ފުންނާބު އުސްފަރާތަކާއި ގުޅިގެން ކުރިއަށް ގެންދަމުން އަންނަ މިޕްރޮގްރާމުގެ މިދިޔަ ހަފްތާ ހާއްސަކޮށްފައިވަނީ ދަމަހުގައި ދުޅަހެޔޮ ނަފްސާނީ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަމާއި ގުޅޭ ގޮތުންނެވެ.
‘އެނަރޖީ ހީލިންގ’ގެ ދާއިރާގައި 2015 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން އަންނަ, ޤުލުބްކެއަރގެ ފައުންޑަރ ފާތިމަތު ސީތާ ނަންގަވައިދެއްވި އެ ސެޝަންގައިވަނީ ފުރިހަމަ ނަފްސާނީ ސިއްހަތެއްގައި ހުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާއި, އަޅުކަމުގެ މައްސަރެއް ކަމުގައިވާ ރަމަޟާން މަހު ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ފަސޭހަވެގެންދާ މިންވަރާއި ރޯދަމަހާއި ނަފްސާނީ ދުޅަހެޔޮކަމާއި ހުރި ގުޅުމާއި ބެހޭގޮތުން މައުލޫމާތު ދެއްވާފައެވެ.