English Edition
Dhivehi Edition

ސަދަން ކޮމިއުނިޓީ އެމްޕަވަރމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް، (ސްކީމް) އިން މިރޯދަމަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމް ‘ފަހިމަގު’ގެ ފުރަތަމަ ސެޝަން މިރޭ ބާއްވައިފިއެވެ. އެގޮތުން މިރޭގެ ސެޝަން ނަންގަވައި ދެއްވައިފައިވަނީ ‘އެނަރޖީ ހީލިންގ’ގެ ދާއިރާގައި 2015 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން އަންނަ, ޤުލުބްކެއަރގެ ފައުންޑަރ ފާތިމަތު ސީތާއެވެ.

4 ދާއިރާއަކުން މައުލޫމާތު ލިއްބައިދޭގޮތަށް މިރޯދަމަހުގެ ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭގަނޑު 21:30 ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމުގެ މިރޭގެ ސެޝަން ހާއްސަކޮށްފައިވަނީ ރޯދަމަހުގައި ދުޅަހެޔޮ ނަފްސާނީ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަމާއި ގުޅޭ ގޮތުންނެވެ. މީގެ ފުރިހަމަ ނަފްސާނީ ސިއްހަތެއްގައި ހުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާއި, އަޅުކަމުގެ މައްސަރެއް ކަމުގައިވާ ރަމަޟާން މަހު ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ފަސޭހަވެގެންދާ މިންވަރާއި ރޯދަމަހާއި ނަފްސާނީ ދުޅަހެޔޮކަމާއި ހުރި ގުޅުމާއި ބެހޭގޮތުންވެސް މިރޭގެ ސެޝަންގައި ވަނީ މައުލޫމާތު ދެއްވާފައެވެ.

މިޕްރޮގްރާމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ސްކީމްގެ ރައީސް ޝިމްލާ އަހުމަދު ވިދާޅުވިގޮތުގައި މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދަކީ ރޯދަމަސް ފަދަ މާތް މައްސަރަކާއި އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެކި ކަހަލަ ކަންތައްތަކާއި ގުޅުންހުރި މިންވަރާއި ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ އާންމުން ހޭލުންތެރި ކުރުވުމެވެ.

“މިހާރު ކޮންމެ މީހަކީވެސް ވަރަށް މައުލޫމާތު ހޯދައި ލިބިގަންނަން ޝައުގުވެރިވާ އަދި އެކަމަށް މަސައްކަތްކުރާ މީހެއް. އަޅުގަނޑުމެން މިދިޔަ އަހަރު މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިޔައިން ހަމައެކަނި ސިއްހީ ނަޒަރަކުން ރޯދަމަހަށް އަލިއަޅުވާލައިގެން. އެއާއި ޚިލާފަށް މިއަހަރު އަޅުގަނޑުމެން އެބަ ބަލާލަން 4 ދާއިރާއަކަށް, ނަފްސާނީ ސިއްހަތު, ދީން, ކަސްރަތާއި ރޯދަމަހާއި ހުރި ގުޅުން, އަދި ނިންމާލުމުގެ ގޮތުން އީދުވެސް ވަރަށް ކައިރިވެފައިވާނެތީވެ ކާބޯތަކެއްޗާއި ގުޅޭ ގޮތުން ރާއްޖޭގެ މަޝްހޫރު ޝެފަކާއި އެކު ސެޝަންއެއް ކުރިއަށްގެންދާނަން.” ޝިމްލާ ވިދާޅުވިއެވެ.

މީގެއިތުރުން ޝިމްލާ ވިދާޅުވި ގޮތުގައި ރޯދަމަހަކީ ހުރިހާ އެންމެންވެސް އެހެން މަސްތަކަށްވުރެން ދިރިއުޅުމުގެ ކަންތައްތަކުގައި ބިޒީވާ މައްސަރަކަށްވުމާއި ގުޅިގެންނާއި ގިނަ ބަޔަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން މިއަހަރުގެ ރޯދަމަހުގެ ހުރިހާ ސެޝަންތަކެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ.

“ތަނަކަށް ތައްޔާރުވެގެން ދާން ރޯދަމަހު ވަރަށް އުނދަގޫވާނެ, އެހެންވީމަ ގޭގެ އަރާމުގައި ތިބެގެން, ކޮންމެ ހިސާބެއްގައި ވީނަމަވެސް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ހޯދައިދިނުމުގެ މަގުސަދުގައި އަސްލު އޮންލައިންކޮށް މިގެންދަނީ, ކޮންމެ ހަފްތާއެއްގެވެސް މެދުތެރޭގައި އަޅުގަނޑުމެންގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ބައިވެރިވާން ފުރަންޖެހޭ ފޯމުގެ ލިންކާއި ސެޝަންތަކާއި ގުޅުންހުރި އާންމު ކުރެވިގެންދާނެ.” އާންމުކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ މިސެޝަންތަކުގައި ބައިވެރިވުމާއި އަދި ސެޝަންތަކާއި ގުޅޭ މައުޝޫމާތު ލިބިދޭނެ ގޮތްތައް ކިޔައި ދެއްވަމުން ޝިމްލާ ވިދާޅުވިއެވެ.

ސްކީމުން މިހަފްތާއަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމާއި ގުޅޭ މައުލޫމާތު ހިމެނޭ ޕޯސްޓަރު

ފަހިމަގު ޕްރޮގްރާމުގެ ކުރިއަށް ހުރި ސެޝަންތަކުގެ ތަފްސީލު ތިރީގައި މިވަނީއެވެ.

  1. 23 އެޕްރީލް 2023 (ހޮނިހިރު): ކަސްރަތާއި ރޯދަމަސް
  2. 20 އެޕްރީލް 2023 (ހޮނިހިރު): ދީނީ ނަޒަރަކުން ރަމަޟާން މަސް
  3. 30 އެޕްރީލް 2023 (ހޮނިހިރު): ކެއުންބުއިމާއި ކާބޯތަކެތި ތައްޔާރުކުރުމާއި އީދު ދުވަސް

“އަބަދުވެސް އިވޭ ފުރިހަމަ ނަފްސާނީ ސިއްހަތެއްގެ މުހިންމުކަމުގެ ވާހަކަ, އެހެން ނަމަވެސް މިފަދަ މާތް މައްސަރެއްގައި އެކަން ކަށަވަރުކުރުމަށް ކިހާ ފަސޭހަކަމާއި, އެކަން ދެމެހެއްޓުމާއި ދީނީ އަޅުކަންތަކާއި ހުރި ގުޅުން އަދި ކުރެވިދާނެ އެކިކަހަލަ ކަންތައް ދަސްވެގެން ގޮސްފި, ވަރަށް ފުރިހަމަ އަދި ކާމިޔާބު ސެޝަންއެއް.” ސެޝަންގެ ބައިވެރިއެއް މިރޭގެ ޕްރޮގްރާމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ސްކީމްއަކީ ދެކުނުގެ ހަތަރު އަތޮޅުގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާއެކެވެ. ރައްޔިތުންގެ ދިރިއުޅުން އެކި ދާއިރާތަކުން ކުރިއަރުވައި ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ސްކީމުންވަނީ މިދިޔަ އަހަރުގެ ތެރޭގައި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަރވަރމަންޓް އާއިއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން “ވެށި ބާރު” ގެ ނަމުގައި ކޮމިޔުނިޓީ ޕްރޮގްރާމް ތަކެއް ކުރިއަށް ގެންގޮސްފައެވެ. ގިނަ ބައެއްގެ ތަރުހީބު ލިބިގެންދިޔަ މިޕްރޮގްރާމުގެ ދަށުން ސްކީމުންވަނީ ރާއްޖޭގެ 20 އަތޮޅެއްގައި 41 ޕްރޮގްރާމް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިޕްރޮގްރާމުގެ ތެރޭގައި ޒުވާނުންނާއި ޢުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނާއި އަދި ސްކޫލް ކުދިންގެ އިތުރުން ކޮމިޔުނިޓީ ލީޑަރުންނާއި ސީއެސްއޯސް ތަކާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް ޚާއްޞަ ކޮށްގެން ތަފާތު އެކިކަހަލަ ކޮމިޔުނިޓީ ހަރަކާތްތައް ސްކީމުންވަނީ ހިންގައިފައެވެ.