ކޮވިޑް19 އާއި ގުޅިގެން އައްޑޫގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމާފައިވާކަމަށް އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީއިން މިއަދު ޕޮޒިޓިވް ތިން ކޭސް ފެނުމާއި ގުޅިގެން، ކުރިން ދިނުމަށް ނިންމާފައިވާ ބައެއް ލުއިތައް ނުދިނުމަށް ނިންމާފައިވާކަމަށެވެ. އަދި އައްޑޫ ސިޓީގައި ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދިނުމަށް މަޝްވަރާކޮށްފައިވީ ނަމަވެސް ކާފިއު ގަޑި އަދިވެސް މިހާރެކޭ އެއްގޮތަށް ހަވީރު 16:00 އިން ފަތިހު 4:00 އަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.
މި ވަގުތު އައްޑޫ ސިޓީގައި ދިނުމަށް ހަމަޖެހިފައިވާ ލުއިތައް އިއުލާންކުރައްވަމުން ނިޒާރު ވިދާޅުވީ، ރެސްޓޯރެންޓްތަކާއި، ކެފޭތައް އަދި ފިހާރަތަކަށް ރޭގަނޑު 10 ޖަހަންދެން ޑެލިވަރީ ކުރެވޭނެކަމަށެވެ. އަދި ކޮންސްޓްރެކްޝަން މަސައްކަތްކުރާ ފަރާތަކަށްވެސް ހަވީރު 6:00 އާއި ހަމައަށް ހުއްދަ ދިނުމަށް ނިންމާފައިވާކަމަށް ނިޒާރު ވިދާޅުވިއެވެ.
އިތުރަށް ނިޒާރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް އިތުރު ލުއިތަކެއް ދެވެން އޮތްނަމަ އެ ފަދަ ލުއިތައް ދިނުމަށް ނިންމާނެކަމަށެވެ.