English Edition
Dhivehi Edition

ކޮވިޑް-19 އާއި ގުޅޭ މަސައްކަތްތަކުގައި ބައިވެރި ނުވާ ސިޔާސީ މުވައްޒަފުންގެ މައްސަލަ ބައްލަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ކުރަން ޖެހޭ މަސައްކަތުގައި ބައެއް ސިޔާސީ މީހުން ބައިވެރި ނުވާތީ ކަންބޮޑުވުންފާޅުކޮށް، ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް އަލީ ހާޝިމް (ސްމިތް) ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ބައްދަލުވުމުގައި ސްމިތް ވަނީ މި ސަރުކާރަކީ އެކި ސިޔާސީ ޕާޓީތަކުގެ މެމްބަރުން މަޤާމުތަކުގައި ތިބި ސަރުކާރެއްކަން ފާހަގަކޮށް، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ މެމްބަރުންގެ އެއްބާރުލުން ކޮވިޑް-19 އާއި ގުޅިގެން ކުރާ މަސައްކަތްތަކަށް ނުލިބެންވީ ކީއްވެގެންތޯ ވިދާޅުވެ ސުވާލުކުރައްވާފައެވެ. ކޮވިޑް-19 އާއި ގުޅޭ މަސައްކަތްތަކަށް ވޮލެންޓިއަރުން ހޯދަން ޖެހުނީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ އެއްބާރުލުން ނުލިބުމުންކަން ފާހަގަކޮށް ސުމިތް ވަނީ އެ މައްސަލަ މަޖިލީހުން ނުބައްލަވަނީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.

ސްމިތްގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ހިންގާ މަސައްކަތްތައް އެހާ ބޮޑަށް ސާފު ނުވާކަމަށާއި އެހެންނަމަވެސް ސިޔާސީ މަޤާމުތަކުގައި ތިބެ ކޮވިޑް-19 އާއި ގުޅޭ މަސައްކަތަކަށް އެއްބާރުލުން ނުދޭ މީހުންގެ މައްސަލަ ބައްލަވާނެކަމަށެވެ.

މާލެ އާއި ރާއްޖޭގެ ހުރިހާ ރަށެށްގައި ކޮވިޑް19 އާއި ގުޅިގެން މަސައްކަތްކުރުމަށް ހާއްސަ ޓާސްކްފޯސްތަކާއި އެސްއެސްޑީތައް އުފައްދާފައިވާއިރު މި މަސައްކަތުގައި ސަރުކާރުގެ މުއައްޒަފުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން އެއްބާރުލުން ނުދޭކަމުގެ ޝަކުވާތައް މީގެ ކުރިންވެސް ގިނަ ބަޔަކުވަނީ ކޮށްފައެވެ.