English Edition
Dhivehi Edition

ރައްޔިތުން މަޖިލީހުގެ ރައީސް،ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅޭ ޚާއްސަ އޮޕަރޭޝަނެއް މާލޭ ޖަލާއި މާފުށީ ޖަލުގައި ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި އަދި ހަރުކަށި ފިކުރާ ދެކޮޅަށް، ފުލުހުންނާއި ސިފައިން ހިންގަމުންދާ އޮޕަރޭޝަނާއި ގުޅިގެން މާލޭ ޖަލާއި މާފުށީ ޖަލުގައި މިއަދު ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަމަށެވެ.

މިއޮޕަރޭޝަން ހިންގަނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެމްއެންޑީއެފް އަދި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާއަށް ފަހު، ހަރުކަށި ފިކުރުގެ މީހުން ހޯދައި ހައްޔަރުކުރަން ފުލުހުން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތިބި މީހުންގެ ތެރޭގައި ރައީސް ނަޝީދަށް ދިން ހަމަލާއާއި ސީދާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ މީހަކު ހިމެނޭ ކަމަށް ފުލުހުންވަނީ ބުނެފަ އެވެ.އެހެންނަމަވެސް އެއީ ކާކުކަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ހައްޔަރުކުރި ހަތަރު މީހެއްގެ ވަނަވަރު ފުލުހުންވަނީ ހާމަކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ބޮންގޮއްވާލިކަމަށް ތުހުމަތުކުރެވޭ އަދުހަމް އަހުމަދާއި މއ. ފޭރުގެ މުޖާޒް އަހްމަދު އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދުގެ އިތުރުން ލ. ގަން، ދުންފިނިއުފާ، އަޙްމަދު ފާތިޙެވެ.

ބޮންގޮއްވި ޙާދިސާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ 4 މީހުން

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ މިހާރު ކުރިއަށްދާ ތަހުގީގުގެ މައިގަނޑު މަގުސަދަކީ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި ހަމަލާ ރޭވުމުގައި އުޅުނު މީހުންނަށް އެއްވެސް ގޮތަކުން މާލީ އެހީތެރިކަން ބަޔަކު ފޯރުކޮށްދީފައިވާ ނަމަ އެ ބަޔަކު ހޯދުން ކަމަށާއި އެގޮތުން މި ހަމަލާ އަށް ބަޔަކު ފަންޑު ކޮށްފައިވާނަމަ އެ ބަޔަކު ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.