މާފުށީ ޖަލުގައި ގައިދީއަކު މަރުވި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ޖަލުގައި ގައިދީއަކު މަރުވެފައިވާ މައްސަލައެއް އެ ޚިދުމަތަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބަޔާންކުރެއެވެ.
ފުލުހުން ތަހުގީގުކުރަމުންދަނީ މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ށ.ފުނަދޫ ޒަމާނީ ވިލާ ޢުމުރުން 45 އަހަރުގެ މުޙައްމަދު ޖަމީލް މިއަދު ނިޔާވި މައްސަލައެވެ.
ކަރެކްޝަނުން ބުނެފައިވާ ގޮތުގައި ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް އޭނާއަށް ވަނީ ސީޕީއާރް ދީފައެވެ. އަދި އެއްވެސް ބަދަލެއް ނައުމާ ގުޅިގެން، 12:13 ހާއިރު މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފެށި ކަމަށާއި 12:45 ގައި ޑޮކްޓަރު ވަނީ ޖަމީލްގެ ހިތް ހުއްޓިގެން ނިޔާވިކަމަށް ކަނޑައަޅާފައި ކަމަށް ކަރެކްޝަނުން މަޢުލޫމާތު ދެއްވައެވެ.
ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި ޖަމީލަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.
ޖަމީލް ނިޔާވުމާ ގުޅިގެން އެ ސަރވިސްއިން ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާ ކަމަށް ވެސް ކަރެކްޝަނުން ބުނެފައިވެއެވެ.
މިމައްސަލައާއި ގުޅިގެން ސޯޝަލް މީޑިއާގައި މީހަކު ހިއްސާކުރި މައުލޫމާތުތަކުގައި ވާގޮތުން ޖަމީލު މަރާލާފައިވަނީ އަނިޔާކޮށްގެންކަމަށް ޖަލުގައި ތިބި ގައިދީންތަކެއް ކަށަވަރުކޮށްދެ އެވެ. އަނިޔާކޮށްގެން ނުހިނގިގެން ގެންދަނިކޮށް ގައިދީންނަށް ފެނުނުކަމަށްވެސް އެމީހާ ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ކަމާބެހޭ ފަރާތްތަކުން، އޭނާއަށް ސިއްހީ ފަރުވާ ނުދީ ބާއްވައި ގަސްތުގައި މަރައިލިކަމުގެ ތުހުމަތު އެމީހާވަނީ ސޯޝަލް މީޑިއާގައި ކޮށްފަ އެވެ.ަ