ސްރީލަންކަން އެއާލައިންސުން އައްޑޫސިޓީގެ ގަމާާއި ކޮލަމްބޯ އާއި ދެމެދު ކުރާ ދަތުރުތަކުގެ ތެރެއިން އަންގާރަދުވަހުގެ ފްލައިޓް އިންޑިއާގެ ޓްރިވެންޑްރަމަަށް ދާން ބޭނުންވާ ފަސިންޖަރުންނަށް ޚާއްޞަކޮށްފިއެވެ.
ހަފްތާއަކު ހަތަރު ދުވަހު، ހެނދުނު ގަމުން ފުރާ ފްލައިޓްގެ ތެރެއިން އަންގާރަ ދުވަހު ފްލައިޓް މެންދުރަށް ބަދަލުކޮށްފައިވާ ކަމަށް ސްރީލަންކަން އެއާލައިންސްގެ ޖެނެރަލް ޕެސެންޖަރ ސޭލްސް އެޖެންޓް އޭސް އޭވިއޭޝަނުން ބުނެއެވެ.
“އަންގާރަ ދުވަހު މެންދުރުފަހު 3:35 އިން ގަމުން ފުރާ ފްލައިޓާއި ކޮލަމްބޯ ޓްރެވިންޑްރަމް ފްލައިޓާއި މިހާރު ވާނީ ކަނެކްޓް ކޮށްފައި. މީގެ ކުރިން ގަމުން ޓްރެވިންޑްރަމަށް ދަތުރުކުރާ ޕެސިންޖަރުން 8 ގަޑިއިރު ވަރު ކޮލަމްބޯ އެއާޕޯޓްގައި މަޑު ކުރަންޖެހުނު ނަމަވެސް މިހާރު ފަސޭހަ ކަމާއެކު ދަތުރުކުރެވޭނެ” ކަމަށް އޭސް އިން ބުނެއެވެ.
މިއީ ފުވައްމުލަކުން އަންނަ ފަސިންޖަރުންނަށް ވެސް ފަސޭހަ ކަމާއެކު ސްރީލަންކަން އެއާލައިންސްގައި އައްޑޫން ދަތުރުކުރެވޭނެ ގޮތް ހެދުމުގެ ބޭނުމުގައި ގެނައި ބަދަލެއް ކަމަށް އޭސް އިން ބުނެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އައްޑޫ އާއި ކޮލަމްބޯ އާއި ދެމެދުގެ ދަތުުރުތައް ފެށުމާއެކު ބެރު ގައުމުތަކަށް ދަތުރު ކުރުމަށް އައްޑޫ ރައްޔިތުންނަށް ވަނީ ބޮޑެތި ލުއި ފަސޭހަތަކެއް ލިބިފައެވެ.