އަންނަ އޮކްޓޯބަރު މަހުން ފެށިގެން ސްރީލަންކަން އެއަރލައިންސްއިން އައްޑޫއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ސްރީލަންކަންގެ ރާއްޖޭގެ އެޖެންޓް އޭސް އޭވިއޭޝަންގެ އެމްޑީ މުޙައްމަދު ފިރާޤް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ފިރާގު ކުރައްވަވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސްރީލަންކަން އެއަރލައިނުން އައްޑޫއަށް ކުރާ ދަތުރުތައް ހަފްތާއަކު 3 ދަތުރަށް އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެއީ ހަފްތާގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެވެ.
ސްރީލަންކަން އެއަރލައިނުން އައްޑޫއަށް މިހާރު ކުރަމުންދަނީ ހަފްތާއަކު 2 ދަތުރެވެ. އެއީ އަންގާރަ އަދި ހޮނިހިރު މި ދެދުވަހު ކުރާ ދަތުރެވެ.
ގަމާއި ކޮލަމްބޯ އާއި ދެމެދުގެ ދަތުރުތައް އެންމެ ފުރަތަމަ ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުގައެވެ. އައްޑޫ އަދި ދެކުނުގެ ގިނަ ބަޔަކަށް މި ދަތުރު ތަކުގެ ސަބަބުން ފައިދާ ވެގެން ގޮސްފައިވެއެވެ. އެ ދަތުރުތަކުގެ ސަބަބުން އައްޑޫއިން މާލެ ނައިސް، ބޭސް ފަރުވާއަށާއި ވިޔަފާރި ދަތުރުތަކުގައި ރާއްޖެއިން ބޭރަށް ދެވެއެވެ. މީގެ އިތުރުން އައްޑޫގެ ވިޔަފާރިތަކުން ފްރައިޓްކޮށް ކާގޯވެސް ގެނެއެވެ.އައްޑޫ އަދި ފުވައްމުލަކުގެ ފަތުރުވެރިކަމަށް ވެސް މީގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ގެނެސްދިނެވެ.
2019 ގެ ފަހުކޮޅު އައި ކޮވިޑާއެކު ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ވެސް ހުއްޓާލަން ޖެހުނެވެ. އަދި މި ދަތުރުތައް ގިނަ ދުވަސްތަކަކަށް މެދުކެނޑުމަށްފަހު އަލުން ފަށާފައިވަނީ މިދިޔަ އަހަރު ޑިސެމްބަރުމަހުގެ 4 ވަނަ ދުވަހުގައެވެ. އޭރުވެސް ސްރީލަންކަން އިން ބުނެފައިވަނީ ދަތުރުތައް ފެށީ، ޑިމާންޑަށް ބަލައި ދަތުރުތަކުގެ އަދަދު އިތުރު ކުރާ ގޮތައް ކަމަށާއި ސްރީލަންކަންގެ ދަތުރުތަކުގެ އެންމެ ބޮޑު އަމާޒަކަށް ވެފައި އޮތީ ގަމަށް ފަތުރުވެރިން ގެނެސް އައްޑޫގައި ހީނަރުވަމުން ދިޔަ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމުގައި އެހީތެރިވެދިނުން ކަމަށެވެ.
އަދި ދެކުނުގެ އަތޮޅުތަކާއި މާލެއަށް ކަނެކްޝަން ފޯރުކޮށްދެވޭނެ ގޮތް ވޭތޯ ސްރީލަންކަންގެ ރާއްޖޭގެ އެޖެންޓް އޭސް އޭވިއޭޝަނުން ގިނަ މަސައްކަތްތަކެއް ކުރައްވަވާފައިވެއެވެ. ނަތީޖާއެއްގެ ގޮތުން މާ ގިނަ ދުވަސްތަކެއްނުވެ މަންޓާ އެއަރއިން ދެކުނުގެ އަތޮޅުތަކާއި މާލެއަށް ކަނެކްޝަން ފޯރުކޮށްދޭން ވަނީ ފަށާފައެވެ.
ސްރީލަންކަންގެ ދަތުރުތަކާއެކު އައްޑޫއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ ޔޫރަޕުގެ މަންޒިލްތަކުންނާއި މެދު އިރުމަތިންވެސް އައްޑޫއަށް ފަތުރުވެރިން އަންނަން ވަނީ ފަށާފައެވެ.