English Edition
Dhivehi Edition

މަންޓާ އެއާރއިން އައްޑޫސިޓީގެ ގަމަށް ޝެޑިއުލް ދަތުރުތައް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

މަންޓާއިން އައްޑޫއަށް ދަތުރުތައް ފަށާފައިވަނީ ސްރީލަންކަން އެއާލައިނުން އައްޑޫއަށް ކުރާ ދަތުރުތަކަށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުން ކަނެކްޝަންސް ވެސް ދެވޭ ގޮތަށް ނިންމައިގެންނެވެ.

ޝެޑިއުލް ދަތުރުތަކާއެކު “މަންޓާ އައްޑޫ ޕްރޮމޯ” ގެ ނަމުގައި ފެށި ޕްރޮމޯޝަނާއެކު އައްޑޫ އަށް ޝެޑިއުލް ދަތުރުތައް ފަށާފައިވާއިރު މި ޕްރޮމޯޝަންގެ ދަށުން 22 ކިލޯގެ ޗެކްޑްއިން ލަގޭޖާ އެކު އިކޮނޮމީ ކްލާހުގައި 1،250ރ. އަށް ދަތުރުކުރެވޭނެއެވެ. އެއްމަސް ދުވަހުގެ މުއްދަތަށް ކުރިޔަށްގެން މި ޕްރޮމޯޝަނުގައި ބިޒްނެސް ކްލާހުގައި 35 ކިލޯގެ ލަގޭޖާ އެކީ 1،850ރ. އަށް ދަތުރުކުރެވޭނެ އެވެ.

މީގެ އިތުރުން މަންޓާ އެއާލައިން އިން އަގަކާއި ނުލާ، ފުރާ ދުވަސް ކިތަންމެ ގިނައިންވެސް ބަދަލު ކުރެވިދާނެ ކަމަށާއި .މަންޓާއިން މިވަގުތަށް ނިންމާފައިވަނީ ކޮންމެ ދުވަހަކު ވެސް އެއް ފްލައިޓު އައްޑޫ ސިޓީއަށް އެޅުމަށް ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ. މީގެ އިތުރުން ހޮނިހިރު ދުވަހު ސްރީލަންކަންގެ ޝެޑިއުލްއާ ދިމާކޮށް ހުވަދޫއަށް ވެސް މަންޓާ އެއަރގެ ދަތުރުތައް ބާއްވަން އަންނަނީ ތައްޔާރުވަމުންކަމަށް ވެސް އެއާލައިނުން މައުލޫމާތު ދެއެވެ.

ސްރީލަންކަން ދަތުރުތައް މިދިޔަ އަހަރު އަލުން ގަމަށް ފެށިއިރު، އޭރު އެންމެ ބޮޑު ކަންބޮޑުވުމަކަށް އޭސް އެވިއޭޝަނުން ފާހަގަކޮށްފައި އޮތީ، ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ދެކުނުގެ ގަމުން ދެކުނުގެ އަތޮޅުތަކަށް ޑޮމެސްޓިކް ކަނެކްޝަނެއް ބޭނުންވުމެވެ. މިކަމަށް ހައްލު ހޯދުމަށް ކުރިން ކުރެވުނު މަޝްވަރާތަކުން ކާމިޔާބެއް ނުލިބުނުއިރު މަންޓާ އެއާރއާއެކު ކުރެވުނު މަޝްވަރާތަކުން އެކުންފުނިން އެކަމަށް ތައްޔާރުވެފައިވާކަން ސްރީލަންކަން އެއާލައިންސްއިން ފާހަގަކުރެއެވެ. މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސްރީލަންކަން އެއާލައިންސްގެ ރީޖަނަލް މެނޭޖަރ ޖަޔަންތާ އަބޭސިންގެ ވިދާޅުވީ މިހާތަނަށް ކުރެވުނު މަޝްވަރާތަކުން މާރިޗުމަސް ނިމުމުން ހަފްތާއަކު ދެ ފްލައިޓު ގަމަށް ބޭއްވުމަށް ހަމަޖެހިގެން ގޮސްފައިވާ ކަމަށެވެ. އަދި މިއަދަދު ތިނަކަށް އިތުރު ކުރުމަށް މަޝްވަރާ ކުރެވެމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަންޓާ އެއަރގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވެފައިވަނީ މަންޓާ އެއަރއިން ޤަބޫލު ކުރާގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ދަތުރުތައް ފަހި ކުރެވެން ޖެހޭނެކަމަށާއި އެގޮތުން އުތުރުންވެސް އަދި ދެކުނުންވެސް ކަނެކްޝަން ލިބުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިފަދަ ކަނެކްޝަންތަކަކީ ގެސްޓް ހައުސް ސިނާޢަތަށް ލިބޭނެ ރަނގަޅު ކުރިއެރުމެއް ކަމަށް ހަލީލް ވިދާޅުވިއެވެ.

ދެހާސް ނަވާރަ އިން ފެށިގެން އެތެރޭގެ އުދުހުންތަކަށް އޮޕަރޭޓްކުރަމުން އަންނަ އެއާލައިނުން އައްޑު އަށް ދަތުރުތައް ފެށުމާ އެކު، މަންޓާ އިން ދަތުރުތައް ބާއްވަމުން އަންނަަ އެއާޕޯޓްތަކުގެ އަދަދު މިހާރު ވަނީ 3 އަށް އިތުރުވެފަ އެވެ. މިހާތަނަށް މަންޓާ އިން ދަތުރުތައް ބާއްވަމުން އައީ ބ. ދަރަވަންދު އާއި ދ. ކުޑަހުވަދޫ އެއާޕޯޓަށެވެ.