English Edition
Dhivehi Edition

2021،އަދި 2022 ގެ ދިރާސީ އާ އަހަރަށް ޏ،އަތޮޅު ތަޢުލީމީ މަރުކަޒުން ވެފައިހުރި ތައްޔާރީތަކުގެ، މައުލޫމާތު ދިނުމުގެ އޮންލައިން ސެޝަނެއް އިއްޔެ ހަވީރު އެސުކޫލުގައި ބާއްވައިފިއެވެ. އެސުކޫލުގެ ޓޮޕްމެނޭޖުމެންޓާއި އެކު އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ސެޝަންގައި، ވާހަކަ ދައްކަވަމުން ޕްރިންސިޕަލް އިސްމާއީލު ސައުދުﷲ ވިދާޅުވި ގޮތުގައި، ކޮންމެފަދަ ހާލަތެއްގައިވެސް، ސަރުކާރުގެ ތައުލީމީ ސިޔާސަތު ތަންފީޒުކޮށްދެއްވާނޭކަން ހާމަކޮށްފައިވެއެވެ. ސްކޫލުގެ މަގުސަދަކީ ކޮންމެ ފަދަ ހާލަތެއްގައިވެސް ކުދިންގެ ކިޔެވުން މެދުނުކެނޑި، ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން އުނގެނުމުގެ ފަހި ފުރުސަތުތަކެއް ހޯދައި ދިނުމެވެ. އެގޮތުން ސުކޫލުން އަންނަނީ، ދަރިވަރުންނަށް ގޭގައި ތިބެގެން ކިޔަވަންޖެހުނަސް، ކިޔެވޭނޭފަދަ އެކިއެކި އޮންލައިން ޕްލެޓުފޯމްތައް ގާއިމުކުރަމުންނެވެ. އަންނަ ދިރާސީ އަހަރަށް ސްކޫލަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކުން ކަންތައް ކުރަންވީ ގޮތުގެ މައުލޫމާތުވެސް މިބައްދަލުވުމުގައިވަނީ ދެއްވާފައެވެ. ޕްރިންސިޕަލް ސައުދު ވިދާޅުވި ގޮތުގައި، މީގެ ދެދުވަހެއް ކުރިން ސްކޫލަށް ކުދިން ވައްދަން ހުޅުވައިލި ފުރުސަތާއި އެކު އެސުކޫލަށް ވަންނަން، މިހާރު ގާތްގަނޑަކަށް 100އަށް ވުރެ ގިނަ އެޕްލިކޭޝަންފޯމް ވަނީ ލިބިފައެވެ. އެހެންކަމުން ކުރިއަށްއޮތް އަހަރަށް އެސުކޫލުން ލަފާކުރި އަދަދަށް އެޕްލިކޭޝަން ފޯމް މިހާރުވަނީ ލިބިފައެވެ. ސައުދުވަނީ މިއަދާއި ހަމަޔަށް އެޕްލިކޭޝަން ލާފައި ތިބިކުދިންނަށް ސްކޫލުން ޖާގަ ކަށަވަރުކޮށްދީފައެވެ. މިއަދަށްފަހު އެޕްލިކޭޝަން ފޯމްލާ ކުދިންނަށް ޖާގަ ލިބޭކަން ކަށަވަރުވާނީ، ސުކޫލުގެ ކުލާސްތަކުގައި ޖާގަހުރި މިންވަރަކަށާއި، އެހެނިހެން ވަސީލަތްތަކަށް ބެލުމަށްފަހު ގައެވެ. އަދި މިކަންތަކަށް ބެލުމަށްފަހު ޖާގަ ފުލްވެއްޖެނަމަ އެކުދިންގެ ބެލެނިވެރިންނަށް އީ މެއިލެއްގެ ޒަރީއާއިން ޖަވާބުދެއްވާނޭ ކަމަށްވެސް ސައުދު ވިދާޅުވިއެވެ. މީގެ އިތުރުން ސްކޫލަށް ކުދިން ވައްދަން އެޕްލިކޭޝަން ފޯމްފުރާނެ ގޮތުގެ އިތުރު ތަފުސީލުވަނީ ދެއްވާފައެވެ. ޏ،އަތޮޅު ތަޢުލީމީ މަރުކަޒުގެ ރަސްމީ ވެބް ސައިޓަކީ gnaec.edu.mv އެވެ.

މިކަމާއި ގުޅިގެން ސްކޫލުގެ ފޭސްބުކު އެކައުންޓުން މިއަދު އާންމުކުރި ލިއުމެއްގައި ވަނީ، އެ ސުކޫލަށް ވައްދަން، ބޭނުންވާ ފަރާތްތަކަށް، އަމާޒުކޮށްގެން އޮޓޮމޭޓެޑް އޮންލައިން އެޕްލީކޭޝަން ސިސްޓަމެއް މިހާރުވަނީ ސުކޫލުގެ ރަސްމީ ވެބްސައިޓުގެ ތެރެއިން ގާއިމުކުރެވިފައި ކަމުގައެވެ. އެހެން ކަމުން މި ސިސްޓަމުގެ ތެރެއިން އެޕްލިކޭޝަން ފުރިހަމަ ކުރާނެ ގޮތުގެ ސާފު މައުލޫމާތު ހިއްސާކުރުމަށް މި ޕޭޖް މެދުވެރިކޮށް 10 ޖޫން 2021 ވަނަ ދުވަހު ސުކޫލުގެ ފަރާތުން ވީޑިއޯ ކޮންފަރެންސެއް ބާއްވާނެއެވެ. އެކޮންފަރެންސަށްފަހު އޮންލައިން އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވޭނެ ވާހަކައާއި، ކޮންފަރެންސް އޮންނާނެ ގަޑި ފަހުން އިއުލާން ކުރެވޭނެ ވާހަކަވެސް މިލިޔުމުގައި ވެއެވެ.

ޏ،އަތޮޅު ތަޢުލީމީ މަރުކަޒަށް ކުދިން ވައްދަން އެޕްލިކޭޝަންއަށް ހުޅުވާލައިފާ އިރު، ހާފިޒުއަހުމަދު ސުކޫލުންވެސް ސުކޫލަށް ކުދިން ވައްދަން އެޕްލިކޭޝަންއަށް ހުޅުވާލައިފައިވާ ކަމުގެ މައުލޫމާތު އޭއޯއަށްވަނީ ދެއްވާފައެވެ. އެސުކޫލުން މައުލޫމާތު ދެއްވި ގޮތުގައި، ސްކޫލަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކަށް މި ލިންކުން ފޯމް ހުށައެޅުއްވޭނެއެވެ. www.hafizahmed.edu.mv

ދިރާސީ އަހަރު ނިމެމުންދާތީ ހުރިހާ ސްކޫލްތަކަކުންވެސް އަންނަނީ އާ ދިރާސީ އަހަރަށް ކުދިން ވެއްދުމާއި، އެހެނިހެން ތައްޔާރީތައް ވަމުންނެވެ.