English Edition
Dhivehi Edition

އަންނަ ހުކުރު ދުވަހުގެ ރޭ ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ކުޅުނު ފަހު މެޗުގައި އިޒްރޭލް އަތުން ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ. މި މެޗުން ޕޯޗުގަލް މޮޅުވީ 4-0 އިންނެވެ.

މިއީ މި ފަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޕޯޗުގަލް ކުޅުނު ދެވަނަ މެޗެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސްޕެއިންއާ ދެކޮޅަށް 0-0 އިން ލަނޑެއްނުޖެހި ވަނީ އެއްވަރުވެފައެވެ.

ޕޯޗުގަލްގެ ލިޒްބަންގައި ހުންނަ އެސްޓާޑިއޯ ހޯސޭ އަލްވަލާޑޭގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ މެންޗެސްޓާ ޔުނައިޓެޑްގެ ހުނަރުވެރި މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް އެވެ. އޭގެ ދެ މިނެޓުފަހުން، ފެނާންޑޭސް ތަނަވަސްކުރި ފުރުޞަތަކުން ޕޯޗުގަލްގެ ދެވަނަ ލަނޑުޖަހައިދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މި ގޯލާއެކު ރޮނާލްޑޯ، ޕޯޗުގަލްގެ ގައުމީ ޓީމަށް ޖެހި ލަނޑުގެ އަދަދު ވަނީ 104 އަށް އަރާފައެވެ. މިއާއެކު، އީރާންގެ ފޯވާޑް އަލީ ދާއީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިގެން ހަދާފައިވާ ރެކޯޑާ އަރާ ހަމަކުރަން ރޮނާލްޑޯ ބޭނުންވަނީ އެންމެ ފަސް ގޯލެވެ.

ރޭގެ މެޗުގައި ޕޯޗުގަލް އިން ޖެހި އަނެއް ދެލަނޑުޖެހީ މެޗުގެ ފަހު ފަސް މިނެޓުގެ ތެރޭގައެވެ. އެ ޓީމުގެ ތިންވަނަ ލަނޑު، މެޗުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެންޗެސްޓާ ސިޓީގެ ފުލްބެކް ޔާއޯ ކަންސޭލޯ އެވެ. އަދި މެޗުގެ އިތުރުވަގުތުގައި ފެނާންޑޭސް ކާމިޔާބުކުރި ދެވަނަ ގޯލާއެކު އެ ޓީމުން މެޗު ނިންމާލީ 4-0 ގެ ނަތީޖާއަކުން ކުރީގައި އޮވެގެންނެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 15 ވާ އަންގާރަ ދުވަހު ނިކުންނާނީ ހަންގޭރީއާ ދެކޮޅަށެވެ. އަދި އޭގެ ހަތަރު ދުވަސް ފަހުން އެ ޓީމު ކުޅޭ ދެވަނަ މެޗުގައި ޖަރުމަނާ ދެކޮޅަށް ނިކުންނައިރު، ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް ކުޅޭ ފަހު މެޗުގައި މި މަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ ރޭ ނިކުންނާނީ ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ދެކޮޅަށެވެ.