2026 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގައި ބޭނުންކުރާ ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީ އިތުރަށް ފުރިހަމަކުރުމަށްޓަކައި، މުބާރާތުގައި ބައިވެރިވާ ހުރިހާ ކުޅުންތެރިންގެ އޭއައި ބޭނުންކޮށްގެން ތްރީޑީ އެވަޓާ ނުވަތަ ޑިޖިޓަލް ސިފަތަކެއް އުފެއްދުމަށް ފީފާއިން ނިންމައިފިއެވެ.
މި ނިންމުމާއެކު، މުބާރާތުގައި ވާދަކުރާ 48 ޓީމުގެ ސްކޮޑްތަކުގައި ހިމެނޭ ޖުމްލަ 1،248 ކުޅުންތެރިންގެ ޑިޖިޓަލް ސްކޭންތައް ތައްޔާރުކުރެވޭނެއެވެ. ކޮންމެ ކުޅުންތެރިއަކުވެސް މުބާރާތުގެ ކުރިން ބާއްވާ ފޮޓޯޝޫޓްގެ ތެރޭގައި ޚާއްޞަ ޗޭމްބަރަކަށް ވަދެ ސްކޭން ކުރަންޖެހޭނެއެވެ. މި މަސައްކަތަށް ހޭދަވާނީ އެންމެ ސިކުންތެއް ކަމަށާއި، މުޅި މުބާރާތަށްވެސް މިއީ އެއްފަހަރު ކުރަންޖެހޭނެ ކަމެއް ކަމަށް ފީފާއިން މަޢުލޫމާތުދެއެވެ.
ފީފާއިން ބުނާ ގޮތުގައި މި ސްކޭންތަކުގެ އެހީގައި ކުޅުންތެރިންގެ ހަށިގަނޑުގެ ގުނަވަންތަކުގެ ސީދާ މިނާއި ބޮޑުމިން ދެނެގަނެވޭނެއެވެ. މީގެ ސަބަބުން ވަރަށް ބާރަށް ކުޅުންތެރިން ހަރަކާތްތެރިވާ ވަގުތުތަކުގައާއި، އެކަކު އަނެކަކަށް ނިވާވާ ވަގުތުތަކުގައިވެސް އޮފްސައިޑްގެ ނިންމުންތައް މާ ސައްހަކޮށް ނިންމުމަށް ފުރުޞަތު ލިބޭނެއެވެ. އަދި މި ނިންމުންތައް ސަޕޯޓަރުންނަށް ދައްކައިދޭއިރު، މިހާރަށްވުރެ ބޮޑަށް ހަގީގީ ސިފައެއްގައި ފެންނާނެ ކަމަށްވެސް ފީފާއިން ބުނެއެވެ.
މިފަދަ ބަދަލެއް ގެންނަން ނިންމީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ނިއުކާސަލް އާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުގައި ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އެ މެޗުގައި ނިއުކާސަލްއިން ޖެހި ލަނޑެއް ގަބޫލުކުރިއިރު، ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ގްރެފިކްސްއިން ފެނުނު ސިފައާއި ޓީވީން ފެނުނު މަންޒަރާ ދިމާނުވާތީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އައު ޓެކްނޮލޮޖީގެ ސަބަބުން މިފަދަ އޮޅުންބޮޅުންތައް ކުޑަވާނެ ކަމަށް ބެލެވެއެވެ.
މި ޓެކްނޮލޮޖީ މިހާރު ވަނީ ފީފާ އިންޓަކޮންޓިނެންޓަލް ކަޕްގައި ފްލަމެންގޯ އާއި ޕިރަމިޑްސް އެފްސީ ބައްދަލުކުރި މެޗުގެ ކުރިން ޓެސްޓުކޮށްފައެވެ. މީގެ އިތުރުން، ބޯޅަ ގޯލަށް ވަނުމުގެ ކުރިން ދަނޑުން ބޭރުވިތޯ ބަލާނެ ޓެކްނޮލޮޖީއާއި، ‘ރިއަލް-ޓައިމް ތްރީޑީ ރީކްރިއޭޝަން’ ބޭނުންކޮށްގެން އޮފްސައިޑް ބަލާނެ އައު ގޮތްތަކެއްވެސް ފީފާއިން ދަނީ ތަރައްގީކުރަމުންނެވެ.