English Edition
Dhivehi Edition

ރާއްޖޭގެ ފުޓްސަލް ތާރީހުގައި ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް މުބާރާތެއްގެ ތަށި ކާމިޔާބުކޮށް، ގައުމީ ފުޓްސަލް ޓީމުން ތާރީހީ ކާމިޔާބީއެއް ހޯދައިފިއެވެ. ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ބޫޓާން ބަލިކޮށް ރާއްޖެއިން މި ތަށި ކަށަވަރުކުރީ މުބާރާތުގައި ބާކީ އެއް މެޗު އޮއްވައެވެ.

ތައިލެންޑުގެ ބެންކޮކްގެ ނޮންތަބުރި ސްޓޭޑިއަމްގައި ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗަށް ނުކުތްއިރު ވެސް ތަށި ހޯދުމަށް ރާއްޖެއަށް ބޭނުންވެފައި އޮތީ އެންމެ ދެ ޕޮއިންޓެވެ. ނަމަވެސް ބޫޓާން އަތުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު، އެހެން ޓީމަކަށް ރާއްޖެއާ އަރާ ހަމަނުކުރެވޭނެކަން މިވަނީ ޔަގީންވެފައެވެ.

މި މުބާރާތުގައި ރާއްޖޭގެ ޓީމުން ދައްކާފައިވަނީ ތަފާތު މޮޅު ކުޅުމެކެވެ. ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތައިން ސައްތަ ރެކޯޑެއް ވަނީ ގާއިމުކޮށްފައެވެ. ޕާކިސްތާން، ބަންގްލަދޭޝް އަދި ނޭޕާލްގެ އިތުރުން ސަރަހައްދުގެ ގަދަބާރު ކަމަށްވާ އިންޑިއާ ކޮޅަށް ފަސް ލަނޑު ޖަހައި، 5-0 އިން މޮޅުވުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.

މިއީ ރާއްޖޭގައި ފުޓްސަލް ކުޅޭނެ ރަސްމީ އިންޑޯ ޕިޗެއް ނެތް ހާލަތެއްގައި ހޯދި ފަހުރުވެރި ކާމިޔާބީއެކެވެ. ވަސީލަތްތައް މަދު ނަމަވެސް، ދިވެހި ކުޅުންތެރިން ދެއްކި ހިތްވަރާއި ހުނަރުގެ ސަބަބުން، ރާއްޖޭގައި ފުޓްސަލްގެ މުސްތަގުބަލު އުޖާލާކަން މިވަނީ ހާމަވެގެން ގޮސްފައެވެ. މުބާރާތުގެ ފަހު މެޗުގައި ރާއްޖެ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.

ޓެގު