ރޮށްޓަކީ އަހަރެމެން ކޮންމެ ދުވަހަކުހެން ކާން ބޭނުން ކުރާ އެއްޗެކެވެ. ބައެއްމީހުންނަކީ ކާ ކޮންމެ އިރަކު ރޮށި ނޫން އެހެން އެއްޗެއް ނުކެވޭ ބަޔަކަށްވާއިރު ކޮންމެ ދުވަހަކު އެއްފަހަރު ނަމަވެސް ރޮށި ނުކައި ނުތިބެވޭ ދިވެހިން އަހަރެމެންގެ ތެރޭގައި ގިނައެވެ. އަހަރެމެން އާންމުކޮށް ރޮށިފިހެން ބޭނުން ކުރަނީ ގޮދަންފުށެވެ. ނަމަވެސް ބައެއްގޭގެ ތަކުގައި އާޓާފުށުން ރޮށިފިހެގެން ކައެވެ.
ހަށިގަނޑު ހިއްކަން ބޭނުންނަމަ ކެލޮރީސްމަދު ކާނާ ބޭނުންކުރުން ވަރަށް މުހިންމެވެ. އަހަަރެމެން ކައިއުޅޭ ގޮދަން ފުށުގެ ރޮށީގައި ގިނައަދަދަކަށް ކެލޮރީސްހުރެއެވެ. އެހެންކަމުން ހިކެންބޭނުންވާ މީހުން އެއްގޮތަކަށްވެސް ގޮދަންފުށުގެ ރޮށި ކެއުން ރަނގަޅެއްނޫނެވެ. ތިރީގައި މިވަނީ ހިކެންބޭނުންވާ މީހުން ކާން އެންމެ ރަނގަޅު ރޮށީގެ މައުލޫމާތެވެ.
1- ސަނާމުގު ރޮށި
ސަނާމުގަކީ ޕްރޮޓީން ވަރަށް ގިނަ، އަދި ބަނޑުހައިނުވެ ގިނައިރު މީހާ ހިފަހައްޓާލަދޭ ކާނާއެކެވެ. އެހެންކަމުން މިއީ ސިއްޙަތަށް ފައިދާހުރި އަދި ހިކެން ބޭނުންވާ ފަރާތްތަކުން ބޭނުންކުރުމުށް ވަރަށް އެކަށީގެންވާ އެއްޗެކެވެ. ސަނާމުގު މިކްސްޗަރުން މުގުރައިގެން ޕައުޑަރ ތައްޔާރުކުރުމަށްފަހު މަލްޓިގްރެއިން ފުށާއި މިކްސް ކޮށްގެން ރޮށިފިގެންކާށެވެ.
2- އަލްމޮންޑް ރޮށި
އަލްމަންޑަކީ ނިއުޓްރިޝަން ހައި އެއްޗަކަށްވެފައި ސިކުނޑިއަށް ވަރަށް ފައިދާހުރި ކާނާއެކެވެ. ދިރާސަތަކުން ދައްކާގޮތުގައި ފަލަބައްޔާއި ގުޅިފައިވަނީ މެޓަބޮލިޒަމް ޑިޒޯޑަރގެ ސަބަބުތަކެވެ. ހިކެން ބެނުންވާ މީހުން އަލްމަންޑް ހިމުންކޮށް މުގުރާފައި މަލްޓިގްރެއިން ފުށާއި މިކްސް ކޮށްގެން ރޮށިފިގެންކާށެވެ.
3- އޯޓްސް ރޮށި
އޯޓްސް އަކީ ހިކެންބޭނުންވާ މީހުން ކެއުމުގައި ބޭނުން ކުރަން އެންމެ ރަނގަޅު އެއްބާވަތެވެ. އޭގައި ގިނައަދަދަކަށް ނިއުޓްރިއެންޓްސް، ފައިބަރ އަދި ކާރބްސް ހިމެނެއެވެ. އޯޓްސް ހިމުންކޮށް މުގުރާފައި ކުޑަ މަލްޓިގްރެއިން ފުށްކޮޅަކާ އެއްކޮށްފައި އިތުރަށް މީރުކުރަންބޭނުން ނަމަ ފިޔާ ، މިރުސް ، ކޮރިއަންޑާ ފަދަ އެއްޗިހި އެޅުމަށް ފަހު ރޮށި ތައްޔާރުކޮށްގެން ކޮންމެ ދުވަހަކު ކެއުމުގައި ބޭނުން ކުރާށެވެ.
ފަލަ ވެއްޖެހެނަމަ ހިކުމަކީ ފަސޭހަ ކަމެއްނޫނެވެ. އެހެން ނަމަވެސް ހިތްވަރާ އަޒުމަކާ އެއްކޮށް ކެއުމަށް ބަދަލުގެނެސްގެން އަދި ކަސްރަތުކޮށްގެން ހިކުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެއެވެ. އަވަހަށް ހިކެން ބޭނުން ނަމަ މޭވާގެ ބާވަތްތަކުން ލިބޭ ގުދުރަތީ ހަކުރުގެ މިންވަރު އެކަނި ބޭނުން ކުރުންވެސް ވަރަށް މުހިންމެވެ. ޑައެޓް ކުރަން ފެށުމާއެކު ފޮނިކާ އެއްޗިިއްސާ ދުރުވެ އެއްގޮތަކަށްވެސް ހަކުރު ބޭނުން ނުކުރުމުންވެސް ވަރަށް އަވަހަށް ނަތީޖާ ފެނިގެންދާނެއެވެ. މީގެއިތުރުން އުމުރުން ދުވަސްވާ ވަރަކަށް ކެލޮރީޒް ހަށިގަނޑަށް އިތުރުކުރާ ވަރު މަދުކުރަންޖެހޭނެއެވެ. އޭރުން ހަކުރު ބައްޔާއި ހިތުގެ ބަލިތައް އަދި ކެންސަރު ފަދަ ބަލިތައް އުމުރުން ދުވަސްވާ ވަރަކަށް ޖެހުމުގެ ނުރައްކާ ކުޑަވާނެ އެވެ.