English Edition
Dhivehi Edition

ބަރުދަން ލުއިކޮށްލުމަށް ކެއުމުގައި ތަފާތު އުކުޅުތައް އެކި މީހުން ގެންގުޅެއެވެ. އެގޮތުން އިންޑިއާގެ ޝެފެއް ކަމަށްވާ ސަނާ ބުނެފައިވަނީ ބަރުދަން ލުއިކޮށް ލުމަށް ފަސޭހައިން ތައްޔާރުކޮށް ލެވޭ “އެގް ޑްރޮޕް ސޫޕް” އަކީ މިކަމަށް އެންމެ ރަނގަޅު އެއް ސޫޕްކަމަށެވެ. 10 މިނެޓުން ތައްޔާރުކޮށް ލެވޭ މިސޫޕަކީ އެހާ ފަސޭހައިން ތައްޔާރު ކޮށްލެވޭ ހަށިގަނޑަށް ލުއިކަން ގެންސްދޭ އަދި ބަރުދަން ލުއިކުރުމަށް އެހީވެދޭ އެންމެ މުޖައްރިބު އެއް ސޫޕް ކަމަށް ވެއެވެ.

ސޫޕް ތައްޔާރު ކުރުމަށް ބޭނުންވާތަކެތި:

4 ޓޮމާޓޯ (ކޮށާފައި ކުޑަލޮނުކޮޅެއް ލާފައި)

2 ސަމްސާ އޮލިވް އޮއިލް

1 މެޒުމަތީ ސަމްސާ ލޮނުމެދު ކޮށާފައި

1 މޭޒުމަތީ ސަމްސާ ސްޕްރިންގް އޮނިއަން ކޮށާފައި

3 މޭޒުމަތީ ސަމްސާ ސްޕްރިންގް އޮނިއަން (ފަހުންބޭނުންކުރަން)

ލޮނުކޮޅެއް

2 ޖޯޑު ފެން

2 ބިސް ގިރާފައި

އެންމެފުރަތަމަ ތެއްޔެއް އުނދުންމައްޗަށް އުދާފައި އޮލިވް އޮއިލް ކޮޅުއެޅުމަށްފަހު ލޮނުމެދު އަޅައިގެން ދޭފަތުން ހަލަމުންދާށެވެ. ލޮނުމެދުގެ ރަހަ ތެލަށް ވަންނަ ވަރުވީމާ 1 ސަމްސާ ސްޕްރިންގް އޮނިއަން އަޅާފައި ކެއްކުމަށްފަހު ޓޮމާޓޯ އެޅުމަށްފަހު ޓޮމާޓޯ މަޑުވަންދެން ކައްކާށެވެ. ދެން 2 ޖޯޑު ފެން އެޅުމަށްފަހު މަތިޖަހައިގެން 3 މިނެޓްވަރު މަޑުގިނީގައި ކައްކާށެވެ. ދެން ބިސް އެޅުމަށް ފަހު ދޭފަތުން ހަލުވާށެވެ. ބިސް ރޯފިލަންދެން ކެއްކުމަށްފަހު ބާކީ ހުރި 3 ސަމްސާ ސްޕްރިންގް އޮނިއަން އެޅުމަށްފަހު ލޮނު ހެޔޮވަރުކޮށްފައި އުނދުންމަތިން ބާލާށެވެ.

މިސޫޕަކީ މަދު އިންގްރެޑިއެންޓެއް ބޭނުން ކޮށްގެން ތައްޔާރުކޮށްލެވޭ ފަސޭހަ ސޫޕެކެވެ. ޑައެޓް ކުރައްވާ ބޭފުޅުން މި ސޫޕް ބޭނުންކޮށްގެން ޑައެޓް ކުރެއްވުމުން ނަތީޖާ ފެނިގެންދާނެއެވެ. ސޫޕް ތައްޔާރު ކުރުމަށް ބޭނުން ކޮށްފައިވާ ތަކެއްޗަކީ ހަށިގަނޑަށް ފައިދާ ހުރި އެއްޗިހީގެ އިތުރުން މީހާގެ ބަރުދަން އިތުރުވުން ކުޑަކޮށްދޭ އެއްޗިއްސެވެ.