English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯ ވިއްކައިގެން މަޖިލިހަށް ހޮވިވަޑައިގެންނެވި ބޭފުޅުން މިއަދު އެމަނިކުފާނުގެ ކަރަށް ފައިން އަރާފައިވާ ކަމަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒު ކޮމިޓީ އަށް ފޮނުއްވި މައްސަލަ އެ ކޮމިޓީން ރޭ ބޭރުކޮށްލުމާ ގުޅިގެން އެމްޑީޕީގެ އެތެރޭގައި ބޮޑެތި ހިތްހަމަނުޖެހުންތަކެއް އުފެދި ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައި މީކާއިލް ކުރެއްވި ޓުވިޓެއްގައެވެ.

މީކާއިލް ކުރެއްވި ޓުވިޓުގައި ވިދާޅުވީ ރައީސް ނަޝީދުގެ ފޮޓޯ ވިއްކައިގެން ހޮވިހޮވިވަޑައިގެންނެވި ބޭފުޅުން މިއަދު އެންމެ ހާލުގާ އޮންނެވި ދުވަހު، ކަރަށް ފައިންއަރަން ހިފާފައިވާކަމަށެވެ. “ރައީސް ނަޝީދުގެ ފޮޓޯ ވިއްކައިގެން ހޮވިގެން، އެންމެ ހާލުގާ އޮންނެވި ދުވަހު، ކަރަށް ފައިންއަރަން ހިފާލާނީ ހާދަހާވާ ގޮތެއްފޮތެއް ނެތީމައޭ! ” މީކާއިލް ވިދާޅުވިއެވެ.

މެމްބަރު މީކާއިލް މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕް ވެސް ވަނީ ހޫނުވެފައެވެ. މި ގޮތުން ރައީސް ނަޝީދު ފެކްޝަނާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފެކްޝަންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރަމުން އަންނައިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ދެމެދު ވަނީ ހޫނު ބަހުސެއް ކުރެވިފައެވެ.