ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ މަގާމުން ވަކި ކުރުމަށް 50 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މީގެ ކުރިންވެސް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އިން ވަނީ އީވާ ވަކި ކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައެވެ.މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރުމުގެ މަސައްކަތް އެމްޑީޕީ އިން އަލުން ފަށާފައިވާއިރު އެ ޕާޓީން އަންނަނީ މަޖިލީހުގެ ރައީސް ކަމުން މުހައްމަދު ނަޝިދު ވަކިކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
އީވާގެ މައްސަލަ އަލުން ހުށަހަޅަން އެމްޑީޕީން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރުގެ މައްސަލަ ކުރިއަށް ނުގެންދެވި ދެވަނަ ފަހަރަށް ވެސް ބޭރުކޮށްލުމާ ގުޅިގެންނެވެ.
މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅޭނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއް ބައި ނުވަތަ 22 މެންބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާ އެކުއެވެ.