English Edition
Dhivehi Edition

މާދަމާ،މާދަހަ،މާދުމެއި،އައްލޭ،(ޓުމޯރޯ)، މިއީ ޖެހިގެން އަންނަ ދުވަހަށް ނިސްބަތްކޮށް ބޭނުންކުރާ ބަސްތަކެކެވެ. އެންމެންގެ ޝަކުވާއަކީ ޚިދުމަތްތައް ލަސްވުމެވެ. އެންމެ މަތީ ފަންތީން އެންމެ އާދައިގެ ފެންވަރުގައެވެ. ބަހުގެ އިތުބާރު ކެނޑެން ފެށުނީ މިހާ ހިސާބުންނެވެ. މީހުންގެ ” ކޫލް” ކަމުންނެވެ. ތިމާގެ އަނގައިން ބުނާބަހަކީ ކިހާ ވަރުގަދަ އެއްޗެއްކަން ނުވިސްނާތީއެވެ. ކަނޑިބަޑީގެ ހަނގުރާމައަށް ވުރެ ދުލުގެ ބާރު ގަދަކަން ނޭގޭތީއެވެ. އިނގިރޭސި ހަރުބަހެއްގައިވާ ފަދައިން “ވަޓު ގޯސް އެރައުންޑު ކަމްސް އެރައުންޑު”. ތިމާ މީހަކާއި ދޭތެރޭ ގޮތަކަށް ކަމެއް ކޮށްފިއްޔާ އޭގެ ނަތީޖާ ތިމާވެސް ތަހައްމަލު ކުރަން ޖެހިދާނެކަން ނުދަންނާތީއެވެ. އެހެން އިބާރާތަކުން ދަންނަވަންޏާ، ތިމާފޭއްސާ އިލޮށިގަނޑު ތިމާގެ ލޮލަށް ހެރިދާނެ ކަމަށް ނުވިސްނާތީއެވެ.

ބަހުގެ އިތުބާރު ނެތީ ވަކި މީހެއްގެއެއްނޫނެވެ. އެންމެންގެއެވެ. ކޮންމެ ކަމެއްވެސް އެމީހާއާއި ގުޅޭ ހިސާބުންނެވެ. އެމީހެއްގެ ފެންވަރުންނެވެ. އެމީހެއްގެ ޚިދުމަތް ދޭން ފަށާ ހިސާބުންނެވެ.

އިންތިޚާބުގެ ފޯރިގަދަ ކެމްޕެއިންތަކެވެ. “ތިޔަ ބޭފުޅުން މާޔޫސްކޮށް ނުލާނަން، ކަރަންޓު ބިލު ކުޑަކޮށްދޭނަން، ވިހާކުދިންގެ ފޫޅުވެސް ވަޅުލައިދޭނަން، މުސާރަބޮޑުކޮށްދޭނަން”، ގޭގެ ފުރާޅު ޓިނު ބަދަލުކޮށްދޭނަން، ދެމަފިރިންނަށް ޑުބާއީ ދެކޮޅު ޓިކެޓުދޭނަން”، މިހެންގޮސް ކޮޅެއްނުލައެވެ. ގޯނިގޯނި ފުރޭހައި ވަޢުދުތައް ވެދެއެވެ.

ގައުމުގެ ތަރައްގީއެވެ. ކޮންމެވެސް ރަށެއްގެ މަގުގައި، ތާރު އެޅުމުގެ އެއްބަސް ވުމުގައި ސޮއިކޮށްފިއެވެ. އެހެން ރަށެއްގައި ސޯޝަލް ހައުސިންގެ ދަށުން 1000 ފުލެޓު އެޅުމަށް ކޮންމެވެސް ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. ޖެހިގެން އޮތްރަށުގެ ނަރުދަމާ އާއި ފެނުގެ މައްސަލަ ހައްލު ކުރުމުގެ އެމްއޯއީގައި ސޮއިކުރުން މިރޭ އޮންނާނެއެވެ. ހައްތަހާވެސް އުފާވެރި ޚަބަރުތަކެވެ. އުންމީދީ ހުވަފެންތަކެވެ.

ވައުދުތަކެކެވެ. އިންޓަނެޓުގެ އަގުހެޔޮކޮށް ދޭނަމެވެ. އިންސާފު ހޯދައިދޭނަމެވެ. މަސައްކަތް ކުރާ ކޮންމެ މީހަކަށް ދިހަހާސް ރުފިޔާ ދޭނަމެވެ. މުވައްޒިފުންގެ މުސާރަ ބޮޑުކޮށް ދޭނަމެވެ. ބޭހަށް ސަލާން ޖަހާކަށް ނުޖެހޭނެއެވެ. އެއްރަށް އަނެއް ރަށާއި ގުޅުވައި ދޭނަމެވެ. އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެއެވެ.

ވޯޓުނަގައިފިއެވެ. އޭނަހޮވިއްޖެއެވެ. ” އޭ! ކޮބާ؟ އަހަރެމެން ރަށުގެ ނަރުދަމާ ކޮންއިރުކުން….”. “އާނ! ތިކަން ފަށާނެ ވަރަށް އަވަހަށް…..”. “އެހެންތަ، ހާދަ ރަގަޅޭ ބޭފުޅާ”. “އަނހާ، އަހުމަދު، ރަށުގެ ފުލުޓުތައް ފަށާނީ ދެން ކޮންއިރަކުން؟”. ” ހާސްކަނޑާލާ މަމިގޮޑީގައި އިނިއްޔާ، އަންނައަހަރު ކަލޭމެން އެތަނަށް ވައްދާނަން”. ” ހަލޯ ޝަރީފު، އަހަރެން އަންހެނުން ގޮވައިގެން ފުރަން މިއުޅެނީ، އެއްކަލަ ޓިކެޓު ހަމަޖައްސައިދޭންވީނު”. ” އާނ، އެ އް ކަ ލަ ޓިކެޓު ދޯ؟ އަހަރެން އޮފީސް ދޮށަށް މާދަމާ ޖައްސާލަންވީނު!”.

ކެއްތެރިކަން ކޮޅުންލައިފިއެވެ. ސޯޝަލްމީޑިއާގެ ނުފޫޒު ގަދަވެއްޖެއެވެ. ސްޓޭޓަސްތަކުގައި ފާޑު ކިޔުން ގިނަވެއްޖެއެވެ. ވަޒީރުގެ ޚާއްސަ ބައްދަލުވުމެއް މިއަދު ދެގަޑި ބައިގައި ބާއްވަނީއެވެ. އެންމެން އިންތިޒާރު ކުރަން ފެށިއެވެ. ގަޑިޖެހިއްޖެއެވެ. ތަރުޖަމާނު، ޓުވީޓެއް ކުރެއްވިއެވެ. “ވަޒީރުގެ ބައްދަލުވުން މާދަމާއަށް ބަދަލުވެއްޖެއެވެ”.

އަނެއްދުވަހެވެ. ބައްދަލުވުން ފެށުނެވެ. އިންޓަނެޓުގެ އަގަށް އައި ހެޔޮ ބަދަލުތައް އިއުލާނުކުރުން މާދަމާ އޮންނާނެއެވެ. އިންސާފުން ބޭރުން ނިމިފައި ހުރި އެކިއެކި މައްސަލަތަކުގައި އިންސާފު ލިބެންޖެހޭ ފަރާތްތަކުގެ ކަންކަން ގޮސްފައި އޮތް ހިސާބު މާދަމާ ނޫސްތަކާއި ހިއްސާކުރެވޭނެއެވެ. މަސައްކަތްތެރީންގެ އިނާޔަތް ނުދެވި ލަސްވަމުންދާތީ މަޢާފަށް އެދެމެވެ. އަންނަ ހަފުތާގައި އެއަދަދުތައް އިއުލާން ކުރުން އޮންނާނެއެވެ. ނޫސްވެރިއަކު ސުވާލުކުރިއެވެ. “ތި މަޝްރޫއުގެ ހުރިހާ ލިޔެކިޔުންތައް ވަނީ ނިމިފައި، އީއައިއޭ ހެދުމުގައި މައްސަލައެއް އުޅޭ ކަމަށް އީޕީއޭ(އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ) އިން ޝަކުވާކުރާތީ، މަޑުޖެހިފައި ވަނީ. ވަރަށް އަވަހަށް ފެށޭނެ”. ފެށިފައި ހުރި ހުރި އަދި ނިމިފައިހުރި ކަމަކާއި ދިމާވުންވާނީ، ކާޅަކުން ހުދުފަތެއް ފެނުންހާ ނާދިރު ކަމަކަށެވެ. ހައްތަހާވެސް އިވެނީ މާދަމާ ފެށޭނެ، އަންނަ ހަފުތާގައި ނިމޭނެ، މިއަންނަ އަހަރުވާނެ، މިފަދަ ޖަވާބުތަކެކެވެ. މިއަށް ކިޔާނީ އިނބިލީހުގެ ކައިވުންތޯއެވެ. ސަރުކާރުތަކުން ދެނީ އެއްޖަވާބެކެވެ.

އަމިއްލަ ހާލަތެވެ. ފަހާތަނަށް ހެދުން ބަލައި ދިޔައިމެވެ. ” ހެދުން ނިމިއްޖެތަ؟، ” ދައްތާ، މާދަމާ އާދޭ، ކުޑަ ބިޒީހުރީމާ އަދި ނުނިމޭ. މާދަމާ ދާން ޖެހުނެވެ. ދަރިފުޅުގެ މުހިއްމު ފޯމެއްލާން އޮފީހަކަށް ވަނީމެވެ. “މީގައި ޖެހޭނެ، ސްޓޭމްޕެއް ޖަހަން”. “އެހެންތަ؟ ދެން ޖަހަންވީނު އަހަރެން ލާރި ދޭނަން”. ” ސްޓޭމްޕް ހުރީ ހުސްވެފަ، މާދަމާ އާދޭ”. މާދަމާ ދާންޖެހުނީއެވެ. ދުވަހަކުވެސް މިނޫންވަރެއް ނުވިއެވެ.ހިތަށް އަރަނީ، “ޕާސް ދޮންނަން މާދަން ޢާދޭ، ޕާރސް ދޮންނަން މާދަން ޢާދޭ” މިލަވައެވެ. މިބުނާ މާދަމާ އަންނާނެ ހެއްޔެވެ؟

މިއީ ހަމަ ހާލަތެވެ. ތިމާއާއި ހަވާލުވެވުނު މަސައްކަތް، ދެފަރާތުން އެއްބަސްވެވުނު ދުވަހަށް ނިންމައި ދިނުމަކީ މުހިއްމު ކަމެއްކަމަށް އެކަކުވެސް ނުދެކެއެވެ.ކިތަންމެ ބޮޑު ތެދެއް ހެދިޔަސް މިހާރު ހީވަނީ އެއީ ދޮގެއްހެނެވެ. ބަހާއި އަމަލާ ދިމާނުވާ ތާނގައި، ދުލާއި ގަލަންވެސް ނުގުޅެނީއެވެ. ހިތާއި، ޖިސްމުވެސް ކުރަނީ ހަނގުރާމައެވެ. މުޅިންވެސް “ކަލްދޯބަޖޭ” އެވެ. “ކަލް ދޯބަޖޭ” އަކީ ހިންދީ ބަހެކެވެ. ހިންދީ ބަހުން އޭގެ މާނައަކީ މާދަމާ ދޭއްޖަހާއިރުއެވެ. މިބަސް ދިވެހީންގެ ތެރެއަށް މަޝްހޫރުވި ގޮތެއްކަމަށް ޝިހާބު ވިދާޅުވީ ވޯރާ ވިޔަފާރިވެރީން، ރާއްޖޭގައި އުޅުނު ދުވަސްވަރު ފަނޑީޔާރު ގެއަށް އެމީހުން ހުށައަޅާ އެކިމައްސަލަ ތަކުގައި، އެމީހުން ދިޔައިމަ، ފަނޑިޔާރު މަނިކުފާނު އަބަދުވެސް ވިދާޅުވަނީ “ކަލް ދޯ ބަޖޭ އާއޯ”، ކަމަށެވެ. ދެން މި ކަލް ދޯ ބަޖޭ އާއޯ، ނޫނީ މާދަމާ ދޭއްޖަހާއިރު އަންނަން މި ވިދާޅުވި ވިދާޅުވުން ދުވަހަކުވެސް ނިނުމެއްނުވާ ކަމަށެވެ. ކޮންމެ ދުވަހަކުވެސް ދިޔައިމަ ” ކަލް ދޯބަޖޭ”.މިހެން ވިދާޅުވާ ކަމަށެވެ. އޭގެ ފަހުން ނަތީޖާ ނުފެންނަ، އަބަދުވެސް ލަސްވަމުންދާ ކަންކަމަށް މިސާލުބަހެއްގެ ގޮތުގައި “ކަލް ދޯބަޖޭ” މިބަސް ބޭނުންކުރެއެވެ.