ރާއްޖޭގެ ސަރަޙައްދީ ޖަމިއްޔާ އެއް ކަމަށްވާ ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން “ވީ ޕްލެޖް” ގެ ނަމުގައި ސިންގަލް ޔޫސްޑް ޕްލާސްޓިކާ ދެކޮޅު ކެމްޕެއިނެއް މިއަދު ލޯންޗް ކޮށްފިއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަަހާ ގުޅުވައިގެން މިއަދު ލޯންޗްކުރި މި އިވެންޓް ރަސްމީކޮށް ފައްޓަވައި ދެއްވެވީ މިނިސްޓްރީ އޮފް އެންވަޔަރުމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓްރ ޑރ އަބްދުﷲ ނަސީރެވެ.
މިއަދު އޮންލައިން ކޮށް ކުރިއަށް ގެންދިޔަ މި އިވެންޓްގައި ސްކީމްގެ މެމްބަރުން ވަނީ އަމިއްލަ އަށް ތައްޔާރުކޮށްފައިވާ ފޮތި ކޮތަޅު ތައް ދައްކާލުމަށް ފަހު މިއަދުން ފެށިގެން ޕްލާސްޓިކް ކޮތަޅު ބޭނުންކުރަން ޖެހޭ ކޮންމެ ތަނެއްގައި ބޭނުންކުރާނީ އަމިއްލަ ފޮތިކޮތަޅު ކަމަށް ޕްލެޖް ކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްކީމްގެ ރައީސާ ޝިމްލާ އަޙްމަދު ވިދާޅުވީ ސްކީމްގެ މި ޕްރޮގްރާމުގައި ޖަމިއްޔާގެ މެމްބަރުން މިއަދު ޕްލެޖް ކޮށްފައިވަނީ އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް ބޭނުން ކުރުމުގެ ބަދަލުގައި އެކަމަށް ޙައްލު ހޯދައި އަމިއްލަ ފޮތި ކޮތަޅު ގެންގުޅެން ފެށުމަށާއި ސިންގަލް ޔޫސްޓް ޕްލާސްޓިކް ބޭނުންކުރަން ޖެހޭ ކޮންމެ ތަނެއްގައި މިއަދުން ފެށިގެން ތިމާވެއްޓާ ރައްޓެހި ގޮތެއް ބޭނުން ކުރުމަށެވެ. އަދި މި އަޒުމްގައި މަސައްކަތް ކޮށް 1 މަސް ފަހުން ޕްލާސްޓިކާ ނުލައި އެއްމަސް ހޭދަކުރި ގޮތް ސޯޝަލްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އެހެންމީހުންނަށް ކިޔައިދީ ސްކީމްގެ މެމްބަރުންނާއެކު އެހެން އިތުރު ފަރާތްތައް މި މަސައްކަތުގައި ބައިވެރިވުމަށް ހިތްވަރުދިނުމަށް ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޑރ އަބްދުﷲ ނަސީރު ވިދާޅުވީ ސްކީމްގެ މެމްބަރުން މިއަދު މިފަށާ މަސައްކަތަކީ ދުވަހުގެ ޝިޢާރާވެސް ގުޅޭ އަދި ސަރުކާރުން މިހާރު ފައްޓަވާފައިވާ ސިންގަލް ޔޫސްޑް ޕްލާސްޓިކް މަދުކުރުމުގެ ޕްރޮގްރާމާއި ވަރަށް ގުޅުން ހުރި ބޭނުންތެރި މަސައްކަތެއް ކަމަށެވެ.
“ޕްލާސްޓިކަކީ އަޅުގަނޑުމެންނަށް ދިމާވެފައިވާ އަދި އެކަމަކުން އަރައިގަންނަން އުނދަގޫ މަސައްކަތެއް. ރާއްޖެއަށް އެކަނި ބެލިކަމުގައި ވިޔަސް ސަތޭކަ ފަންސާސް މިލިއަނަށް ވުރެ ގިނަ ޕްލާސްޓިކް ފުޅި ރާއްޖޭގައި އުފައްދާ ކަމަށް އެބަވޭ. ޕްލާސްޓިކް ކޮތަޅަށް ބެލިކަމުގައި ވިޔަސް 2019 ވަނަ އަހަރު ރާއްޖެއަށް 150 މިލިއަނަށް ވުރެ ގިނަ ކޮތަޅު އެތެރެކުރި ކަމަށް ވޭ.” ސްޓޭޓް މިނިސްޓަރ ޑރ ނަސީރު ވިދާޅުވިއެވެ.
ޑރ ނަސީރު ވިދާޅުވީ ސަތޭކަ ޕަސެންޓް ޑިއުޓީ މާފުކޮށްގެން ރާއްޖެ މި އެތެރެކުރާ ބަޔޯޑިގްރޭޑަބަލް ކޮތަޅުގެ ތެރެއިން ގިނަ ކޮތަޅު ތަކަކީ ބަޔޯޑިގްރޭޑަބަލް ކޮތަޅުނޫންކަން ކުރެވުނު ދިރާސާތަކުން ފާހަގަ ކުރެވުނު ކަމަށާއި އެކަމާއި ގުޅިގެން އެގޮތަށް ހިފެހެއްޓުމެއް ނެތް ގޮތެއްގައި އެފަދަ ކޮތަޅު ރާއްޖެ އެތެރެކުރުން މަޑުޖައްސާލުމަށް ފަހު މިހާރު އަލުން، ކޮމްޕޯސްޓް ކުރެވޭ އަދި ސްޑޭންޑެޑަށް ފެތޭ ކޮތަޅު ރާއްޖެ އެތެރެ ކުރެވޭނެ ގޮތް ހެދުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެކަން ވަރަށް އަވަހަށް އިއުލާން ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މިއަހަރު ސަރުކާރުން ހިންގާ ސިންގަލް ޔޫސްޑް ޕްލާސްޓިކް ފޭސްއައުޓް ޕްލޭންގައި ޖޫން 1 ވަނަ ދުވަހުން ފެށިގެން ސިންގަލް ޔޫސްޑް ޕްލާސްޓިކްގެ ތެރެއިން ގިނަ ބާވައްތަކެއް ރާއްޖެ އެތެރެކުރުން މަނާ ކުރެވިފައެވެ. އޭގެ ތެރޭގައި 30/30 އިންޗި އަށް ވުރެ ކުދި ކޮތަޅު ރާއްޖެ އެތެރެކުރުން މަނާ ކުރެވިފައިވާއިރު އެއީ ސްކީމް އިން މިއަދު މި ފެށި މަސައްކަތަށް ލިބިގެން ދާނެ ކުރިއެރުމެއް ކަމަށް ގަބޫލު ކުރައްވަވާ ކަަމަށް ޑރ ނަސީރު ވިދާޅުވިއެވެ.
އައްޑޫ ސިޓީ، މަރަދޫގައި ސިންގަލްޔޫސް ޕްލާސްޓިކާއި ދެކޮޅަށް ކުރިއަށްގެންދާ ‘މިނޫންގޮތަށް’ ކެމްޕެއިންގެ ތަޖުރިބާވެސް ވަނީ މި އިވެންޓުގައި ހިއްސާކޮށްފައެވެ.
އެއްފަަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް އެތެރެކުރުން މަނާކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހަށް އަމަލު ކުރަން ރާއްޖޭގައި ފަށާފައިވަނީ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.