ލ. އަތޮޅުގެ ޒުވާނުންނަށް ޚާއްޞަ ކޮށްގެން ލ. އަތޮޅުގައި އަންނަ ނޮވެމްބަރު މަހު ކުރިއަށްގެންދާ “މަގޭ ރަށް އިމަރޖިންގ ލީޑާރސް އެކަޑަމީ (އީ.އެލް.އޭ) ” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ ޒުވާނުންނަށް ޚާއްޞަ ކޮށްގެން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓް ބިއުރޯ އޮފް ޑިމޮކްރަސީ، ހިއުމަން ރައިޓްސް އެންޑް ލޭބަރގެ އެހީތެރިކަމާއެކު އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައި.އާރު.އައި) އިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު ލާމު އަތޮޅުގައި ކުރިއަށް ގެންދާނީ ސަދަން ކޮމިޔުނިޓީ އެމްޕަވަރމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އާއި ގުޅިގެންނެވެ.
ޢުމުރުން 18 އަހަރާއި 29 އަހަރާއި ދެމެދުގެ ޒުވާނުންނަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލ. ގަމުގައެވެ. މިފަހަރުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އީއެލްއޭގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިމިވާ ލިންކުން އެޕްލައި ކޮށްލެވޭނެއެވެ.
Magey Rah Academy Application Form (office.com)
ނުވަތަ ކިއުއާރު ކޯޑު ބޭނުންކޮށްގެން އެޕްލިކޭޝަނަށް ވަދެވޭނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ ހުރިހާ ޚަރަދެއް އިންތިޒާމު ކުރާ ފަރާތުން ކަވަރ ކޮށްދޭއިރު މަގޭ ރަށް އީ.އެލް.އޭ ގައި ބައިވެރިވެ އަމިއްލަ އަށް ތައްޔާރުކުރާ ކޮމިޔުނިޓީ ޕްރޮޖެކްޓް އިމްޕްލިމެންޓް ކުރުމަށް ފަންޑިން ވެސް ފޯރުކޮށްދެއެވެ.
އީއެލްއޭގެ ފުރަތަމަ ބުރު ކުރިއަށް ގެންގޮސްފައިވަނީ އައްޑޫސިޓީގައެވެ. 3 ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މަގޭރަށް އީ.އެލް.އޭ ޕްރޮގްރާމުގެ ފުރަތަމަ ފޭސްގައި އުމުރުން 18 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާން ލީޑަރުން އެއްކޮށް، ޢިލްމާއި ލީޑަރޝިޕް ތަރައްޤީކުރުމަށާއި، މަސައްކަތްތައް ބަހާލައިގެން ކުރާނެ ގޮތްތަކުގެ އިތުރުން ކުދިކުދި މަޝްރޫޢުތައް ތަންފީޒު ކުރުމަށް ދަސްކޮށްދީފައިވެއެވެ.
އަދި ފުރަތަމަ ފޭސްގައި ބައިވެރިންނަށް ދެވުނު މައުލޫމާތާއި އެއްގޮތަށް ކޮމިޔުނިޓީ ޕްރޮގްރާމެއްގެ ޕްރޮޕޯސަލް ޑިޒައިން ކޮށް ހުށަހެޅުމަށް ފަހު 2 ވަނަ ފޭސް ގައި ބައިވެރިންވަނީ މި ޕްރޮޕޯސަލްތައް ހުށަހަޅާފައެވެ.
3 ވަނަ ފޭސް އޮގަސްޓް މަހުގެ 6 ވަނަ ދުވަހު ނިންމާލިއިރު މި ފޭސްގައި ކުރިއަށް ގެންގޮސްފައިވަނީ ޔޫތް އެޑްވަކެސީ އާއި ސިވިކް އެންގޭޖްމަންޓްގެ އިތުރުން ސިޔާސީ ދާއިރާގައި ޒުވާނުންގެ ދައުރު ފުޅާކުރުމާއި އިޖުތިމާއީ މަސައްކަތްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުންފަދަ ބައިތަކުގެ މައްޗަށެވެ.
މުޅިއެކު 16 ބައިވެރިން މި ޕްރޮގްރާމު ފުރިހަމަ ކޮށް ގްރެޖުއޭޓްވި އިރު، މިހާރު އެބައިވެރިން ވަނީ ޕްރޮގްރާމުން ދަސްވި މައުލޫމާތުގެ އަލީގައި ކޮމިޔުނިޓީ ޕްރޮޖެކްޓްތައް އިމްޕްލިމެންޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.