English Edition
Dhivehi Edition

މީގެ ގާތްގަނޑަކަށް އެއް އަހަރާއި 7 މަސް ކުރިއަށް ޖެހިލާނަމެވެ. މުނާޖާ ކޮނޑުއަޅައިގެން އެނދުން ތެދުވާ ގޮތަށް އެންމެންވެސް އުޅުނީ ހޭބޯ ނާރައެވެ. އަމިއްލަ ދިރިއުޅުމާއި ގެންނެވެ. ތިމާގެ އާއިލާއަށްޓަކައެވެ. ތިމާގެ ވަޠަނަށްޓަކައެވެ. މިއިން މީހަކަށް ތަނެއްގައި ބުރިކަށި ދަމައިލާނެ ވަގުތެއް ނުލިބެއެވެ. ދަރިފުޅުގެ ކަންތައްތައް ކުރުމުގައެވެ. ފިރިމީހާގެ ޚިދުމަތުގައެވެ. އާއިލީ ޒިންމާ އަދާކުރުމުގައެވެ. ދަރިންކޮޅު ސުކޫލަށް ގެންގޮސް ބަލައި ދިއުމުގައެވެ. އެކުދިން ޓިއުޝަނަށް އުފުލުމުގައެވެ. މިއީ އޭރުގެ ކޮންމެ ދުވަހެއްގެ ތާވަލުގައިވެސް ހުރި ކަންކަމެވެ. ގޭގައި މަޑުކޮށްލާނޭ ވަގުތެއް ނުލިބޭތީ އެންމެންވެސް އެފިކުރުގައެވެ. އެންމެންވެސް އުޅުނީ “ބިޒީ” ދިރިއުޅުމެއްގައެވެ.

ކުޅިވަރު މުބާރާތްތައް ބޭއްވުނެވެ. ޕާޓީތަކާއި، ހަފުލާތަކަށް ދެވުނެވެ. ހަފުތާ ބަންދަށް ރަށްރަށަށްގޮސް އުޅުވުނެވެ. ސެމިސްޓާރ ބަންދަށް ބޭރު ގައުމުތަކަށް ދަތުރު ކުރެވުނެވެ. ރަހުމަތްތެރިންނާއި އެކު މަސްދަތުރު ދެވުނެވެ. އިރު އަރާ މަންޒަރު އެހާމެ ކައިރިން ފެނުނެވެ. އިރު އޮއްސޭ މަންޒަރުގެ ފޮޓޯވެސް ނެގުނެވެ. އެމީހަކު ކުރާނެ ކަމެއް ކުރާން މިނިވަން ކަމާއި އެކު އުޅުމުގެ ފުރުސަތު ލިބުނެވެ. މިއީ މުޅި ދުނިޔެވެސް ތަޖުރިބާ ކުރަމުން ދިޔަ ދުވަސްތަކެވެ. މީހުންގެ ދިރިއުޅުމުގެ ވަށްޓަފާޅިއެވެ. މިހާލަތު ބަދަލުވެދާނެ ކަމަށް ހިތަށްވެސް ނާރައެވެ.

ސަރުކާރުގެ ސިޔާސަތު ތަކުގެ ދޯހަޅިކަމާއި، މޮޅުކަމަށް ވިސްނާކަށް ފަރުވާލެއް ނެތެވެ. އެހެން ގޮތަކަށް ބުނާކަމަށް ވަންޏާ އެއިން ކަމަކާ ނުވެސް ބެހެވެއެވެ. އިދިކޮޅު އަދި އެއްކޮޅު ސިޔާސީ މީހުން ފިޔަވައެވެ. އިބުރާހިމް ޝިހާބު ވިދާޅުވިހެން “އާންމުންގެ ތެރެއިން ގިނަ ބަޔަކަށް ނުފެންނަ،އެކަމަކު ހޯދާ ބަލާ މީހުނަށް އެކަނި ފެންނަ”، ކަމަކަށް އެކަން އޮތީ ވެފައެވެ.

މުޅި ދުނިޔެ ބަދަލުވެއްޖެއެވެ. ނުވެސް ދެނެ ތިއްބާ އާލަމީ ބޮޑު ވަބާއެއް ފާޅު ވެއްޖެއެވެ. 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވޫހާންގައި ނުރައްކާތެރި، ބައްޔެއް ފެތުރެން ފެށިއެވެ. މިބަލި ޖެހެނީ ވައިރަސްއަކުން ކަމަށް ބުންޏެވެ.ގައިން ގަޔަށް ފަސޭހައިން އަރާ ބައްޔެއްކަން އެނގުނެވެ. ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކޭ ބުނެވުނެވެ. މީހުން މަރުވުން ގިނަވެދާނެ ކަމަށް އިންޒާރު ލިބުނެވެ.

2020 ވަނަ އަހަރު ފެށުނީ އާލަމީ ވަބާއެއްގެ އަސަރާއި އެކުގައެވެ. ދުނިޔޭގެ ސަމާލުކަމަށް މިކަން އައެވެ. ޗައިނާއިން ފެނުނު މިބަލި ދުނިޔޭގެ އެހެން ގައުމުތަކުން ފެންނަން ފެށިއެވެ. ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން ކެނޑިނޭޅި، އިލްތިމާސްތައް ކުރަން ފެށުނެވެ. މާސްކު އެޅުން މުހިއްމު ކަމަށް ބުނަން ފެށުނެވެ. އަތްދޮވުން ރައްކާތެރިވާނޭ ކަމަށް ދެކެވުނެވެ. ގައިދުރު ކުރަން ނަސޭހަތް ދެވުނެވެ.

ދުނިޔޭގެ ގިނަގައުމުތަކަކުން ޗައިނާގެ ކޮރޯނާ ވައިރަސް ފެންނަން ފެށިއެވެ. މި ބައްޔަށް ކޮވިޑު19އިގެ ނަމުން ނަންދެވުނެވެ. އާލަމީ ވަބާއެއް(ޕެންޑެމިކް) އެއް ގޮތަށް ފާހަގަކުރިއެވެ. ބޭހެއް އަދި ވެކްސިނެއްވެސް ނެތެވެ. ވެކްސިން އުފެއްދުމުގެ ރޭސް ފެށުނެވެ. ވެކްސިން އުފެއްދުމުގައި ވާދަވެރިކަން ފެނުނެވެ. ފަހި ވިޔަފާރިއަކަށް ދޮރު ހުޅުވުނެވެ.

ވަކި ބޭހެއް އަދި ވެކުސިނެއް ހެދިފައި ނެތުމުން މިވަބާއިން ސަލާމަތް ވުމަށް އޮތް އެންމެ ރަގަޅު ހައްލަކީ، ބަލި ފެތުރުން މަދުކުރުމެވެ. ގައި ދުރުކަން އިސްކުރުމާއި، ވީހާ ގިނަގިނައިން އަތް ދޮވުން، އަދި އަތް ސެނިޓައިޒުކުރުން ކަމަށް، ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން ކެނޑިނޭޅި ބުނަން ފެށިއެވެ.

ބަލި ފެތުރުން ދިގުލައި ފޫނުބެއްދޭވަރުގެ ގެއްލުންތަކާއި، ގައުމުތަކުން ކުރިމަތިލާން ޖެހުނެވެ. ފަގީރު އަދި މީސްކޮޅު މަދު ގައުމުތަކަށް ތަކުލީފު އިތުރުވިއެވެ. ބައްޔަށް ގިނަ ބަޔަކު ފައްސިވެ ހޮސްޕިޓަލްތައް ފުރެމުންދާ ކަމުގެ ހިތާމަވެރި ޚަބަރު އިވެންފެށިއެވެ. ޚިދުމަތްދޭން ތިބި ސިއްޚީ ޚިދުމަތްތެރިންނަށް ނުތަކާ ވަމުން އަންނަ ކަމަށް އާދޭސް ކުރަންފެށުނެވެ. އެންމެ އެކަށޭނަ ފަރުވާ ދިނުމުގައި ނުކުޅެދޭ ކަމަށް އެއްބަސް ވެވެން ފެށުނެވެ. ނުރައްކަލުގެ ރަގަބީލުގެ އަޑުގަދަ ވިއެވެ.

ދާއިމީ ބަލިތަކަށް ބޭސްކުރަމުންދާ މީހުނާއި، އުމުރުން ދުވަސްވީ މީހުންގެ މަރުތައް އިތުރުވިއެވެ. މާބަނޑުމީހުނާއި ކުޑަކުދީންނަށް ނުރައްކަލުގެ ސިގުނަލް ދޭންފެށުނެވެ. ވެންޓިލޭޓަރުގެ ޚިދުމަތް ފޯކޮށްދިނުމުގައި ދަތިތަކާއި ކުރިމަތި ވެއްޖެ ކަމުގެ އަޑު ގަދަވާން ފެށިއެވެ. އޮކިސިޖަންއަށް މުޅި ދުނިޔެ ޖެހިއްޖެ ކަމުގެ ހިތާމަވެރި ޚަބަރުން ގުގުމަން ފެށިއެވެ.

ދުނިޔޭގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނުވިއެވެ. ސްކޫލްތަކާއި، އޮފީސްތައް ލެއްޕިއެވެ. ފިހާރަތަކާއި، ހޮޓާ ރެސްޓޯރެންތުތައް ތަޅުއެޅުވިއެވެ. ގައުމުތަކުގެ ބޯޑަރު ބަންދުކުރިއެވެ. ޚިޔާލެއް ފިކުރެއްނެތި މިނިވަންކަމާއި އެކު އުދުހެމުން، އުޅެމުންދިޔަ ރައްޔިތުން ގޭގައި މަޑުކުރުވިއެވެ. މުޅި ދުނިޔެ ޓެކްނޮލޮޖީއަށް ބަރޯސާ ވިއެވެ.

މިބަލިމަޑު ކަމުން އަރައިގަތުމަށްޓަކައި، ގައުމީ ފެންވަރުން މަސައްކަތްތަކެއް ކުރިއެވެ. ސަރުކާރުތަކުގެ އެންގުމަށް އާންމުން އެއްބާރުލުން ދިނެވެ. ބައްޔަށް ފައްސިވި މީހާއާއި،ގާތުން އެއްތަންވި މީހުން އަމިއްލައަށް އެކަހެރިވިއެވެ. ބަލިމީހާ ވަކި މުއްދަތަކަށް ކަރަންޓީނު ވިއެވެ. ކުރަން ދަތި އެހާމެ އުނދަގޫ ކަންތައްތައް ކުރިއެވެ. އެތަށްތަކުލީފެއް އުފުލިއެވެ. އެތަށް ކަރުނައެއް އޮހުރުވިއެވެ. ޝަކުވާއެއް ނުކުރައެވެ.

ވެކްސިނެއް އުފެދި، އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދެވިއްޖެނަމަ ބަލި ފެތުރުން ހުއްޓުވިދާނެ ކަމަށް އުންމީދުކުރެވުނެވެ. އަދި އެކަމަށް މަސައްކަތްތަކެއްވެސް ކުރެވުނެވެ. އެންމެންވެސް ތިބީ ފޮނި އުންމީދެއްގައެވެ. ކަންކަން ރަގަޅު މަގުން ގެންދިއުމަށް ހިތްވަރާއި، ހިތްމަތާއި އެކު ރެއާއި ދުވާލު މަސައްކަތް ކުރަމުންދިޔައެވެ. ސިއްޙީ ޚިދުމަތްތެރިންގެ ވަރުބަލިކަމާއި މާޔޫސްކަން ފެންނަން ފެށިއެވެ. ކަން ގޯހުން ގޯހަށް ގެންދަންވެސް ބަޔަކު މީހުން އުޅެމުން ދިޔައެވެ. ވާކަން ނުވާ މިންވަރަށް ވުރެން ބޮޑުކޮށްލައިގެންނެވެ. ހުއްޖަތް ދައްކަނީ އެއަށް ފޮނިތޮށި ކާފޫރުތޮޅި ލައިގެން، ރަހަގަނޑު ފިސާރި ހެޔޮވަރުކޮށްލައިގެންނެވެ. ހެވާއި ނުބައި އޮޅޭ ދަރަޖައަށެވެ. މާލިމީގެ ދައުރުވެސް އޮޅޭ މިންވަރަށެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒު ދޭންފެށުނެވެ. ދެވަނަ ޑޯޒާއި އެކު ބޮޑު ހެޔޮ ބަދަލެއް ފެންނާނެކަމުގެ އުންމީދުގައެވެ. ބަލީގެ އައުވޭރިއެންޓުތައް ފެންނާން ފެށިއެވެ. އިތުރު ތަކުލީފު ތަކާއި ޖެހުނެވެ. ރާޅަކަށްފަހު ރާޅެއް ނަގަމުންނެވެ. ގައުމުތަކާއި، ސަރުކާރުތައް މާޔޫސްވިއެވެ. ހައިޖާނު ގަނޑު އިންތިހާއަށް ބޮޑުވާން ފެށިއެވެ. ހެދޭ ނެހެދޭ ނޭގޭ ވަރަށް ކަންކަން ބޮއްސުންލިއެވެ. މިސްރާބު އޮޅޭ މިންވަރަށް މަންޒިލް ގިނަވިއެވެ. މާލިމީގެ ޒިންމާ އޮޅުނެވެ. ކައްޕިތާނަށް ހުންގާނު ދޫވާހެން ހީވިއެވެ.

މަޖުބޫރީ ހާލަތެއްގައި އުޅެންޖެހުނު ދުވަސްތައް ދިގުލައިގެން ދިޔައެވެ. އުސޫލުތަކަށް އެންމެން ފޫހިވިއެވެ. ބަންދުކޮށްގެން އުޅުމާއި، ބަންދުވެގެން އުޅުމަކީ އިންސާނުންގެ ޠަބީއަތުގައިވެސް ރުހޭ ކަމެއްނޫނެވެ. އެކަންތައްތަކަށް ހިތްނޭދެން ފެށިއެވެ. ހިތްހަމަ ޖައްސާލައި، ފިނިވައިކޮޅެއް ޖައްސާލަން ދިއުމަށް ބޭނުންވިއެވެ. ކޮފީއެއް ބޯލާށާއި، ބާޒާރުކޮށްލަންދާން އެދެވެން ފެށިއެވެ. ނަފުސާނީ އިލްމުވެރިންގެ ބަހުން ދުނިޔޭގެ ގިނަމީހުންނަށް ނަފުސާނީ އެހީތެރިކަމަށް ބޭނުންވެއްޖެއެވެ. އުފާތަކުން މަހުރޫމްވެ، ބޮޑެތި ޤުރުބާނީތައް ވަމުންދިޔަ މީހުންގެ ކެއްތެރިކަން ކޮޅުންލިއެވެ. އެއްވެސް މީހަކަށް އަނެކާ ކުރާ އެންމެ ރަގަޅުކަމެއްވެސް ފާހަގަ ނުވާ މިންވަރަށެވެ. ހިތުގެ އުދާސްތައް ބަންޑުންވާން ފެށިއެވެ. އަޑުއަހާލަން ކެއްނުވާފަދަ ރާގުރާގަށެވެ. އިލްޒާމްތައް ގިނަވެ އިހުމާލުތައް ފެންމަތިވާން ފެށިއެވެ. އިނގިލި ދިއްކުރުމާއި، ގުދޯ ގުދޯ ގޮވުންވެސް ހިމެނޭހެންނެވެ. ޝަކުވާތައް އަޑުއަހައެވެ. އެއިން ކަމަކަށް ހައްލެއް ނުފެނުނެވެ. އެތަކެއް ބައެއް ލޯމަތިން ގެއްލިދަނީއެވެ. އާދޭސްތައް އިތުރުވަނީއެވެ. ކަރުނަ ލޮލުން ނުހިކެއެވެ. އިންޒާރުތައްވީ އިތުރެވެ.

ގޭގައި ތަޅުލެވިގެން ތިބެން ވަރުބަލިވެއްޖެއެވެ. އާއިލާ މީހުނާއި، ބައްދަލުކޮށްލާ ހިތުން އެދި އެދި ވަރުބަލިވެއްޖެއެވެ. އަނބިންނާއި، ފިރިން ބައްދަލުވާ ހިތުން އިންތިޒާރު ކޮށްކޮށް ވަރުބަލިވެއްޖެއެވެ. އެކަހެރިވެގެން އެކަނި އުޅެ އުޅެ މާޔޫސްވެ ވަރުބަލިވެއްޖެއެވެ. ތިމާގެ ވިޔަފާރި ބަނގުރޫޓުވެ، ވަޒީފާގަނޑު ގެއްލި ވިސްނާ ވިސްނާ ވަރުބަލިވެއްޖެއެވެ. މޮޅެތި އުސޫލުތައް ހަދައި، އެ ކާމިޔާބު ނުވާތަން ފެނިފެނި ހިއްމަރުވެ ވަރުބަލި ވެއްޖެއެވެ. ނިންޖެއް އަރާމެއްނެތި، އެހެން މީހުނަށް ޚިދުމަތް ފޯރުކޮށްދީދީ ހަކަތަ ހުސްވެ ވަރުބަލިވެއްޖެއެވެ. ޖޫރިމައިނާ ކޮށްކޮށް ފުލުހުންވެސް ވަރުބަލި ވެއްޖެއެވެ. ދެންވާނީ ކިހިނެއްތޯ ފިކުރުކޮށްކޮށް ސިކުނޑި ވަރު ބަލި ވެއްޖެއެވެ. ހަމަ ރަގަޅަށްވެސް ވަރުބަލިވެއްޖެއެވެ. އާނއެކެވެ. އެންމެންވެސް ވަރުބަލިވެއްޖެއެވެ.

ޓެގު